Pages

Thursday, May 31, 2012

Welcome

ދިވެހި ވާހަކަތަ ލިޔުމަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކަށް މަރުޚަބާ. ތިޔަ ބޭފުޅުންގެ ވާހަކަތަށް މި ބްލޮގް މެދުވެރިކޮށް ހިއްސާކުރައްވާ. ޝާޢިރުކުރައްވަން ބޭނުންފުޅުވާ ވާހަކަތައް ވާހަކައިގެ ނަމާއި، ލިޔުންތެރިޔާގެ ނަމާއި، ވާހަކައާއި ގުޅުންހުރި ފޮޓޯ އަކާއި، ވާހަކައާއި، ކެޓަގަރީއާއި (ދިގުވާހަކަ، ކުރުވާހަކަ، އިބްރަތްތެރި ވާހަކަ،...) އެކު vaahaka.me@gmail.com އަށް މެއިލް ކުރައްވާ.

xcod. (ވޯޑް ޑޮކިޔުމެންޓެއް ގޮތައް)

Beynun Vanee Yaaraa (from "http://laragevaahaka.blogspot.com")

Beynun Vanee Yaaraa (from "http://laragevaahaka.blogspot.com")





ބޭނުންވަނީ ޔާރާ...

ކުއްލިއަކަށް ފަލަކު މީހަކާ ޒުވާބުކުރާ އަޑުއިވިގެން ފަހީމާ ކޮޓަރިތެރެއިން ނުކުމެގެން ސިޓިންރޫމަށް އައެވެ. އޭނަގެ ފަހަތުން ޒާރާވެސް އެތަނަށް އައެވެ. އޭރު ދޮރުމަތީ އިސްޖަހާލައިގެން ހުރި ދާއިން ފަހީމާއަށް ފެނި ފަލަކުއަށް ހަޅޭލަވައިގަތީ ޒުވާބު ހުއްޓާލުމަށް ބުނަމުންނެވެ.

"ކިހާދެރަކަމެއް ފަލަކު، ތިޒުވާބުކުރުން ހުއްޓާލަފާނަންތަ.........ދާއިން ދަރިފުޅު ތިއައީ ޒާރާ ބަލާ ދޯ.........." ފަހީމާ ފަލަކުގެ އެޢަމަލާއިމެދު ހިތްހަމަނުޖެހިފައި ހުރެވެސް ދާއިން އާއި ކުރިމަތިލީ ހިނިތުންވެލަމުންނެވެ. އެހިނދު ދާއިން ފަހީމާއަށް ބަލާލާފައި ބޯޖަހާލީ އާއެކޭ ބުނުމަށެވެ.

"މަންމައަށް އޭރުވެސް އެނގުނު ދަރިފުޅު ޒާރާ ބަލާ އަންނާނެކަން.........ވަދޭ އެތެރެއަށް" ފަހީމާ ބުނެލިއެވެ. ދާއިން ސިޓިންރޫމަށް ވަންނަމުން އޭނަގެ ދެލޯ ހޯދާލީ ޒާރާއެވެ. ރުޅިވެރިމޫނެއް ދައްކައިގެން އެއްފަރާތެއްގައި ހުރި ޒާރާ ފެނުމާއިއެކު ދާއިންއަށް އޭނައަށް ގޮވާލެވިއްޖެއެވެ.

"ހިނގާ ގެއަށްދާން، މިއައީ ޒާރާ ބަލާ" ދާއިން މާގިނަ ވާހަކަތަކެއް ދައްކަން ނުހަދާ ސީދާ އައިބޭނުން ހާމަކުރިއެވެ.

"އޭނަ ގެންދަން އުޅޭނެކަމެއްނެތް،
މާރަނގަޅު މީހަކަށް ހެދެން އެބައުޅެއެއްނު، ޒާރާދެކެ ލޯބިވާނަމަ އޭނަ އެހާލުގައި މިގެއަށް އަޔަކަށްނުދޭނެ، އަދި ދާއިން ދެވަނަ ކައިވެންޏެއްވެސް ނުކުރީސް..........ކީއްކުރަންތަ މިގެއަށް ތިއައީ" ފަލަކު އަނެއްކާވެސް ފެށިއެވެ. ދާއިން ދެލޯމަރާލަމުން ދެދަތްޕިލާ ޖައްސާބާރުކޮއްލީ ފަލަކުދެކެ އަންނަމުންދިޔަ ރުޅި ކޮންޓްރޯލުކޮށް އޭނަ ކިޔަމުންދިޔަ އެއްޗެހި ހަޖަމުކުރުމަށްޓަކައެވެ. ފަހަރެއްގަވެސް ޒާރާގެ ގޭމީހުން ކުރިމަތީ އަދަބުކުޑަވާފަދަ ކަމެއް ކުރަން ބޭނުންނުވާތީއެވެ. ފަހީމާއަށްވެސް ފަލަކުގެ ދޫހިމޭން ކުރެވޭވަރެއްނުވިއެވެ.

"ޒާރާ......" ދާއިން ޒާރާ އާއި ދިމާލަށް ހިނގައިގަތެވެ.

"ހިނގާ ދާން، މަންމަމެން ތިބީ ހާސްވެ ކަންބޮޑުވެފައި...............ހިނގާ........." ޒާރާ އަނގައިނުބުނެ މެޔާދިމާލުން އަތްހުރަސްކޮއްލައިގެން ހުއްޓަ ދާއިން އޭނަގެ ކޮނޑުގައި ހިފާލާފައި ދެންވެސް އޭނައާއިއެކު ދިއުމަށް އެދުނެވެ. އެހިނދު ޒާރާ ރުޅިވެރިކަމާއިއެކު ދާއިންގެ އަތްފޮޅުވާލިއެވެ.

"ތިގެއަކަށް އަހަންނެއް ނުދާނަން...........އެމަންހާ އެގޭގަ އުޅޭހާ ދުވަހަކު ނުދާނަން ތިގެއަށް، އަހަރެންގެ ގެއަކީ މީ............" ޒާރާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. ހަދާނެގޮތް ހުސްވެފައިވާ މީހަކުފަދައިން ފަހީމާއަށް ބަލާލެވުނެވެ.

"ޒާރާ، ރުޅިމަޑުކޮއްބަލަ..........." ދާއިން ޒާރާގެ ރުޅިމަޑުކުރެވޭތޯ ވާހަކަދައްކަން ފެށީ ވަރަށްވެސް މަޑުމައިތިރިކަމާއިއެކުއެވެ. އެހެންނަމަވެސް ޒާރާ އޭނަގެ ވާހަކައަޑެއްނޭހިއެވެ.

"ކޮންމެހެން ހާސަރުދިގުކުރަން އުޅޭނެކަމެއްނެތް، އަހަރެން ގެންދަން ބޭނުމިއްޔާ ދާއިން ޖެހޭނީ މަންހާ ވަރިކުރަން، އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން، މަންހާވަރިކޮއްފަ އާދޭ އަހަރެން ބަލާ" ޒާރާ ހަރުކަށިކަމާއި ގޮތްދޫނުކުރުމާއިއެކު ދާއިންގެ ކުރިމަތީ ދާދިގާތުގައި ހުއްޓި އޭނަ އާއި ލޮލާލޯ އަމާޒުކޮއްލާފައި ބުނެލިއެވެ. ޒާރާގެ ނިންމުން ބަދަލުނުވާނެކަން އެހަރަކާތުން އޭނަ ބުނަންބޭނުންވި ކަހަލައެވެ.

"ޒާރާ، ދަރިފުޅާ...........ކީކޭތަ ތިކިޔަނީ...........ތިހެން ބުނާކަށްނުވާނެ، ކުރިމަތީގަ ތިހުރީ ދަރިފުޅުގެ ފިރިމީހާއޭ" ފަހީމާއަށް އިވޭ އަޑުތަކަށް ކެތްނުވެގެން ބުނެލެވުނެވެ.

"މަންމަވެސް އިތުރަށް ދާއިން ރަނގަޅުކުރަން ނަހަދާ، އަހަރެން ބޭނުމެއްނޫން ދާއިން އާއިއެކު އުޅޭކަށް" ޒާރާ މިހެން ބުނެލިއިރު އޭނައަށް އެބުނެވީ ކިހާވަރެއްގެ އެއްޗެއްކަން ނުވިސްނޭކަހަލައެވެ. ފަހީމާއަށް ތަންކޮޅެއް ބާރަށް ޒާރާގެ ނަންކިޔާލެވުނެވެ. ޒާރާ އެފަދަ ނިންމުމަކަށް ހިނގައިދާނެކަމަށް ފަހީމާ އެއްގޮތަކަށްވެސް އުއްމީދެއްނުކުރެއެވެ. އޭރު ދާއިންގެ މޫނުމަތިން ފެންނަނީ ފޫހިކަމާއި ރުޅިވެރިކަމެވެ.

"އަހަރެން އެއްވެސް އިރެއްގަ ޒާރާއަށް ދެރައެއްދޭކަށް ނޭދެން، އަދި މިހާރު ޒާރާއަށް އެނގިފަ އޮންނަންވާނީ އަހަރެން ޒާރާދެކެވެސް ލޯބިވާކަން، އެކަމަކު އަހަރެން އަދިވެސް މިބުނަނީ.............އަހަރެން ޒާރާ ވަރިކުރާކަށް ބޭނުމެއްނޫން، ހަމައެގޮތަށް އަހަރެން މަންހާވެސް ވަރިއެއްނުކުރާނަން...............އެއްފަހަރު ނަމަވެސް ޒާރާ ނިކަން ވިސްނާލަބަލަ، ޒާރާއަށް ކުރެވުނު ކަންތައްތަކާމެދުގަ، އެވަރު މަންހާއަށް ކުރިއިރު އޭނަގެ އަނގައިން ޗުއްޕުވެސް ބުނެނުލާ ހުރީ ޒާރާ ހެދިހާ ގޮތެއް ހެދިގެން، އަހަރެންމީ އެހެންމީހަކުނަމަ ޒާރާ ދޫކޮއްލާފަ ގެއަށް ފޮނުވާލީސްކަން ޔަގީން...........އެކަމަކު އެއީ އަހަރެންގެ ގޮތެއްނޫން، އަހަންނަކީ ޒާރާހާ ރަޙުމްކުޑަމީހެއް ނޫން، މިހިރީ...................މިހިރީ އެދުވަހު ޒާރާ އަހަންނަށް އޮޅުވާލުމަށްޓަކައި އެމީހެއްގެ އެހީ ހޯދިމީހަކީ، ކިހާ ބޮޑު އިލްޒާމެއް ޒާރާ މަންހާގެ ބޮލުގައި އަޅުވަން އުޅުނީ، އޭގެ އިތުރުން މަންހާގެ މުޅި ދިރިއުޅުން ހަލާކުކޮއްލަން ޒާރާ ފައިވިއްދާލަފަހުރީ...........މަންމާ، މަންމަގެ މިދަރިފުޅު މުޅިން ބަދަލުވެއްޖެ، މީ އަހަރެން ކައިވެނިކޮއްގެން މަންމަގެ އަތުން ގެންދިޔަ ޒާރާއެއްނޫން، އޭނައަކަށް ނުކެރޭނެ އަހަރެންގެ ކުރިމަތީ މިގޮތަށް ވާހަކަދައްކާކަށް، އަދި އޭނަ އެހެންމީހަކަށް ދެރައެއްވެސް ނުދޭނެ..............އަހަރެން ޒާރާގެ މަތިން މުޅިން ފޫހިވެއްޖެ، އެހެންވިޔަސް ޒާރާއަށް އެނގޭތަ، އަދިވެސް މަންހާ އަހަރެންގެ ގާތުން އެދެނީ ޒާރާއަށް މާފުކުރުމަށް، ޒާރާއަށް ވަގުތު ދިނުމަށް، އޭނަ ގަބޫލުކުރަނީ ތީވެސް އޭނަފަދަ އިންސާނެއްކަން، އޭނަފަދަ އަންހެނެއްކަން...........އޭނަ ފަދައިން ޒާރާވެސް އަހަރެންދެކެ ލޯބިވާކަން، އެކަމަކު މިއަދު އަހަންނަށް އެނގިއްޖެ....................ވަރަށް ރަނގަޅަށް އެނގިއްޖެ..............މަންހާ އަހަރެންދެކެ ވާލޯތްބާ އެއްވަރަށް ކީއްކުރަން އެއާގާތަށްވެސް ޒާރާއަށް އަހަރެންދެކެ ލޯތްބެއް ނުވެވޭކަން، އަނެކާގެ އުފަލާ ހިތްދަތިކަން ތަޙައްމަލު ކުރަން ނޭގޭ މީހަކަށް ލޯބިވާކަށް ނޭގޭނެ، ލޯބިވުމަކީ ހާޞިލްކޮށް ތިމާގެ މުށުތެރޭ ގައިދުކުރުމެއްނޫނޭ................އަހަރެން މިދަނީ، ޒާރާ ހޯދާކަށްވެސް، އުނދަގޫކުރާކަށްވެސް.................އަހަރެން ދެނެއް ނާންނާނަން، ޔަގީންކުރޭ އަހަރެން ޒާރާ ކުރި ހުރިހާ ކަމަކަށް މާފުދީފިންކަން، ޒާރާ ބޭނުމިއްޔާ އަހަރެންގެ ކައިރިއަށް އެނބުރި އަންނަންވީ..........އެކަމަކު އަހަރެން އިންތިޒާރުކުރާނީ މިއަދުގެ އިރުއޮއްސެންދެން، ވިސްނާނެ ވަގުތު އަދި އެބައޮތް، އޭގެ ފަހުގަ ތީ މިނިވަނެއްކަމުގައި ހީކޮށް މިގޭގައި މަޑުކޮއްލާ.............ހަމަގައިމުވެސް އަހަރެން ޒާރާއަށް އިތުރު ފުރުޞަތެއްނުދެޔޭ ނުބުނެވޭނެ...........އަހަރެން ވަރަށް ލޯބިވިން ޒާރާދެކެވެސް........." ދާއިން ޒާރާގެ ދެކޮނޑުގައި ހިފާގާތްކޮއްލުމާއިއެކު ޒާރާގެ ނިތުގައި ބޮސްދީފިއެވެ. އަދި އެގެއިން ނުކުމެގެން ދިއުމަށް ހިނގައިގަތެވެ. ހުރިފިޔަވަޅުމަތީ ހުރެ ޒާރާ ރޮމުންދިޔައެވެ. ފަހީމާއަށް ލިބުނު ސިހުމާއިއެކު އަނގަމަތީ އަތްއަޅާލެވުނެވެ. އަމިއްލަ ދަރިއަށްވުރެ ލޯބިވާ ޒާރާގެ ދިރިއުޅުން ނިމުމަކަށް އަތުވެއްޖެކަން އެނގުމުން އެދެލޮލުންވެސް ކަރުނަފައިބައިގަތެވެ.

"ހުއް..........ކަލޭ ހީކުރީ ޒާރާ ވަރިކޮއްލާނަމޭ ބުނެ ބިރުދެއްކީމަ އޭނަ ފަހަތުން އާދޭސްކުރަން ދާނެކަމައްތަ، ހީކުރާ ގޮތްދޯ........." ފަލަކް ބުނަންއުޅުނު އެއްޗެއް ނުބުނެވުނެވެ. ކުއްލިއަކަށް އޭނައަށް އިޙްސާސް ކުރެވުނީ ފަހީމާގެ އަތްތިލަ އައިސް އޭނަގެ މޫނުގައި ޖެހުނުކަމެވެ. އެންމެ ފަހަރަކު ނޫނެވެ. ދާއިން ބަލާލުމެއްނެތި އެނގެއިން ނުކުމެގެން ހިނގައްޖެއެވެ.

"މިހިރަ ސުންޕާ އަންހެނާ، ކަލޭގެ ނުބައި ސުންޕާ ކަމުގެ ހިޔަނި އެދަރިފުޅުގެ ދިރިއުޅުން މުޅިން ބަރުބާދު ކުރީ، އަދިވެސް ހިތެއްނުފުރޭތަ............ކަލޭގޮތަށް އެއްވެސް ދިރިއުޅުމެއްނެތި ކާޅުވެގެން އުޅެންތަ ޒާރާ ކައިރީވެސް ތިބުނަނީ.............ހުރި ނުބައިކަން ނިކަން ދެކެބަލަ........... އަހަރެންގެ ކައްވަޅުގަވެސް ކަލެއާއި ހެދި ނޯވެވޭނެކަން ޔަގީން..............." ފަހީމާ ރޮމުން ރޮމުން ފަލަކްގެ ގައިގާ ތަޅަމުންދިޔައެވެ. ޒާރާ ދުވެފައި އައިސް މަންމަގެ ގައިގާ ހިފެހެއްޓިއެވެ. ފަލަކް ފަހީމާގެ އަތްދަށުން ސަލާމަތްވެގެން އޭނަގެ ކޮޓަރި އާއި ދިމާލަށް ދުއްވައިގަތެވެ.

ދާއިން އަންނާނެ އިރެއްގެ އިންތިޒާރުގައި އެންމެން ސިޓިން ރޫމުގެ އެކިތަންތަންކޮޅުގައި ތިއްބެވެ. ބަސްމަދުވެ ހިމޭންކަން ވެރިވެފައިވެއެވެ. ޒާރާ އާއިމެދު މޫމިނާ ކަންބޮޑުވުމަށްވުރެ އޭނަ ހާސްވެފައި ހުރީ ދާއިން ކަންތައްކުރާނެ ގޮތެއް ނޭނގޭތީއެވެ. ހުދު އޭނައަށްވެސް މިހާރު ޒާރާގެ ގޮތް އެނގެއެވެ. ދާއިން ސިއްރުކުރިޔަސް އޭނަގެ ތަޖުރިބާ މާގިނައެވެ. އެހެންވެ ލޮލަށް ފެންނަ މަންޒަރުތަކުން ގޭތެރޭގެ ހާލަތު ދެނެގަތުން އުނދަގުލެއްނޫނެވެ. ޒާރާ ބޭނުންވަނީ މަންހާ އެގެއިން ބޭރުކޮއްލަންކަން މޫމިނާއަށް އެނގެއެވެ. އެހެންވިޔަސް އެގޮތަށް އެކަން ވިޔަކަ އޭނަ ނުދޭނެއެވެ. ދާއިންގެ ހިތެއް އޭނައަކަށް ނޭނގެއެވެ. މިހާތަނަށް އައިއިރުވެސް ރޭގަ ނޫނީ ދާއިން ޒާރާ އާއި އެފަދަ ގޮތަކަށް ކުރިމަތިލާފައެއްނުވެއެވެ. ކޮންމެ ގޮތެއްވިޔަސް މަންހާއަށް ދެރައެއް ލިބޭފަދަ ނިންމުމެއް ދާއިން ނިންމިޔަކަ އޭނަ ނުދޭނެއެވެ.

"ކޮބާ ޒާރާ" ކުއްލިއަކަށް ކާމޭޒު ދޮށުގައި އިން މަންހާގެ އަޑަށް ސޯފާގައި އިން މޫމިނާ ބަލާލިއެވެ. އޭރު އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި ދާއިން ވަންނަނީއެވެ. މާޔޫސްވެފައިވާ މޫނަކާއިއެކުއެވެ. މޫމިނާއަށްވެސް އަވަސް ފިޔަވަޅުގައި އައިސް ދާއިންގެ ގާތުގައި ހުއްޓިލަމުން ކުރެވުނީ ހަމަ އެއްސުވާލެކެވެ.

"އިރުއޮއްސުނީމަ އެނގޭނީ..........." ދާއިން މޫމިނާއަށް ބުނެލަމުން މަންހާއަށްވެސް ބަލާލިއެވެ.

"ކޮންކަމެއްތަ އިރުއޮއްސުނީމަ އެނގޭނީ، ޒާރާ ބުނީތަ އިރުއޮއްސުނީމައޭ އަންނާނީ" މޫމިނާއަށް އަހާލެވުނެވެ.

"އޭނަ އަންނާނެކަން އެނގޭނީ އިރުއޮއްސުނީމަ، އޭގެ ފަހުގަ މަންމައަށްވެސް އަޅުގަނޑު ވަކިޖަވާބެއް ދެއްވާނަން" މިހެން ބުނެ ދާއިން ހިނގައިގަތީ މަންހާގެ ގާތަށެވެ. މަންހާއަށް ދާއިންގެ އުދާސްވެފައިވާ މޫނުފެނެއެވެ. އަދި އޭނަގެ އިޙްސާސްތައްވެސް ދެނެގަންނަން އެނގެއެވެ. އެހެންވެ އިތުރު އެއްވެސް ސުވާލެއް ނުކުރިއެވެ. އޭނާގެ ގާތަށް ދާއިން އައިސް ހުއްޓުމާއިއެކު ދާއިންގެ ދެއަތްތިލާގައި ހިފާ މަޑުމަޑުން ބާރުކޮއްލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދަ ގޮތަކަށެވެ. އެހިނދު ދާއިން އެއްއަތުން މަންހާގެނެސް މޭގައި ޖައްސާލިއެވެ.

"ހިނގާ ސައިބޮމާ، މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެސް ވެފަ، ހުސްބަނޑާހުރެ ރަނގަޅަށް ނުވެސް ވިސްނޭނެ" މަންހާ ލޯބިން ބުނެލިއެވެ. ދާއިން ދުރަށް ޖެހިލަމުން ފަނޑުހިނިތުންވުމަކާއިއެކު ބޯޖަހާލިއެވެ. އަދި ކާމޭޒުގެ ގޮނޑިއެއްގައި އިށީނެވެ. އޭރު މެންދުރުގެ ކެއްކުމަށް އިމީ ތައްޔާރުވަމުންދިޔައެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * *

ސަރުކާރު ބަންދު ދުވަހަކަށް ވިޔަސް ޝަރަފް އޮފީހަށް ދިޔައީ ކުއްލިގޮތަކަށް އޮފީހުގެ ސިސްޓަމްތަކަށް ކުރިމަތިވި މައްސަލައެއް ހައްލުކުރުމަށެވެ. އަދި އެކަމަށް ތިންގަޑިއެއްހާއިރު ހޭދަކުރުމަށްފަހު އޮފީހުން ނުކުމެވުނީ މެންދުރު ބާރަޖެހިފަހުންނެވެ. އޭނަ އަވަސް އަވަހަށް މޯބައިލް ފޯނުން ޖެނީއަށް ގުޅާލިއެވެ. އަދި މެންދުރުގެ ކައުން އޭނަ އާއިއެކު ބޭރުން ކާލުމަށް ދައުވަތުދިނެވެ. ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި އޭނަ ހުންނާނީ ޖެނީމެންގޭ ދޮށުގައި ކަމަށްވެސް ބުންޏެވެ. އުފާވެރިކަމުގެ ހީނލުމަކާއިއެކު ޖެނީ އަވަސްވެގަތީ ފޯނު ބާއްވާފައި ޝަރަފް އަންނަންވާއިރަށް ތައްޔާރުވުމަށެވެ.

"ޝިމާދު، ދޭބަލަ ޖޫން ގޮވައިގެން ޑޮކްޓަރަށް ދައްކާލަން، މިއަދުވެސް އޭނަ އެއޮތީ ހޮޑުލާ ލާ ވާތާވެފަ، މަންމައަށް އެނގޭ އެއްޗެއްވިއްޔާ ހާދާފަ ޖައްސައިފިން، އެކަމަކު ހަމަ އެންމެ އެތިފުކެއްވެސް އެހަށިގަނޑުގެ އެތެރެއަށް ނުދޭ......." ގޭތެރެއަށް ވަދެގެން އައި ޝިމާދު ކާމޭޒުކައިރީ ހުރި ވަސީމާއަށް ފެނުމާއިއެކު ގޮވާލާފައި ބުނެލިއެވެ.

"މިއަދުވެސް.........." ޝިމާދުއަށް ހާސްކަމާއިއެކު އަހާލެވުނެވެ. އަދި އަވަސް ފިޔަވަޅުގައި އޭނަގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ.

"ޖޫން، ތިކަމުގަ އުޅޭތާ ދެދުވަހެއްވަރު ވެއްޖެ........އަނެއްކާ އަހަންނަށް ހީވާގޮތް ރަނގަޅުތަ، ތިގޮތަށް ކުރިންވެސް ބަލިވެއުޅެފަ ދިނީ އުފާވެރި ޚަބަރެއް..........." ހާސްކަމުގެތެރެއިން ހިނިތުންވެލަމުން ޝިމާދު އެނދުގައި އޮތް ޖޫންގެ ގާތު އަހާލިއެވެ. ޖޫން މަޑުމަޑުން ތެދުވެލަން މަސައްކަތް ކުރުމާއިއެކު ޝިމާދު އަވަހަށް އައިސް އެނދުގަ ޖޫންގެ މަގަތުން އިށީނދެ އޭނަގެ ގައިގާ ހިފަހައްޓާލިއެވެ.

"އުފާވެރި ޚަބަރަކަށް ނުވާނެއޭ ބުނާކަށް ނުކެރޭނެ، ޝިމާދު، އަހަރެން ޑޮކްޓަރަށް ދާންބޭނުން، ބަނޑުބޮޑުވެގެން އުޅުނު ހާލު އެނގެއެއްނު، ދެދުވަހުން އެއްދުވަހު އޮންނަންޖެހެނީ ހޮސްޕިޓަލުގަ..........މީ އެކަމުގެ ނިޝާނަކަށް ވެއްޖެއްޔާ........." ޖޫންގެ އަޑުންވެސް އޭނަގެ ހަށިގަނޑުގެ ހަކަތަ ދައްވެފައިވާކަން ޝިމާދުއަށް އެނގުނެވެ.

"ހިނގާ ދަމާ، އަވަހަށް ތައްޔާރުވޭ...........އަހަރެން ކީއްކޮއްދޭންވީ" ޝިމާދު ބުނެލިއެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * *

މެންދުރުގެ ކެއުމުގައި ބައިވެރިވުމަށް ދާއިންމެންގެއަށް ޒައުލްއައެވެ. ދާއިން އެދުނު ގޮތަށް އޭނައަށް މީރުވާނެހާ ކާއެއްޗެއް މަންހާ ތައްޔާރުކޮއްދިނެވެ. ރަޙަތަކަށް އިންސާފުކުރެވިގެން ދިޔައިރު މަންހާއަށް ތައުރީފު ނުކުރާ އެކަކުވެސް ކާމޭޒުދޮށޫގައި ނެތެވެ. މޫމިނާގެ ލޮލުން އެއްވެސް ސަބަބަކާ ނުލާ ކަރުނަހިލިގެންދިޔައެވެ. އަންހެން ދަރިއަކު ބޭނުންވެފައި ހުރި މޫމިނާއަށް އޭނަ ބޭނުންވިފަދަ މާތް އަޙްލާގާއި މުރާލިކަމާއި ތޫނުފިލި އަންހެން ދަރިއަކު ލިބުނުފަދަ އިޙްސާސްއެއް ކުރެވުމުން އެދެލޮލަށް ޖަމާވިކަރުނަތައް ނުހިފެއްޓުނީއެވެ.

"މަންމާ........ބަތްގަނޑު ކުޅީތަ ހެދިފަހުރިލެއް" މޫމިނާ އޭނަގެ ދެލޯ ފޮހެލިތަންފެނިފައި ކާމޭޒުދޮށުގައި ކޮޅަށް ހުރި މަންހާ އަހާލިއެވެ. އަދި ފެންޖަގު ކައިރިކޮއްލަން އުޅުނެވެ. މޫމިނާ އަތުގެ އިޝާރާތުން ފެންޖަގު ބަހައްޓަން ބުނަމުން ހޭންފެށިއެވެ. އަދި މަންހާގެ ކެއްކުމުގައި ފާޑުކިޔާނެ އެއްވެސް ކަމެއް ނެތްކަމުގައި ބުންޏެވެ. އެއަޑުއަހަން އިން ދާއިން މަންހާގެ އަތުގައި ހިފާލީ އޭނަ މަންހާ އާއިމެދު ފަހުރުވެރިވަމޭ ބުނަމުންނެވެ.

ކައިނިމިގެން ޒައުލްވެސް ދިޔައީ ދާއިން އާއި މަންހާގެ އެޕާޓްމެންޓަށެވެ. އެމީހުންގެ ކައިރީ އޭނަ ޝަފާގެ ވާހަކަދެއްކިއެވެ. އޭނަވެސް އަލުން ދިރިއުޅުމެއް ބޭނުންވާކަމުގެ ވާހަކައެވެ. ޝަފާ އާއިއެކު ކައިވެންޏަކާ ހަމައަށް ދާން ބޭނުންވާކަމެވެ. ދާއިން އާއި މަންހާ އާއި ވަކިވެގެން ޒައުލް ދިޔައީ މެންދުރުފަސްވެ ތިނެއްޖަހަން އުޅެނިކޮށެވެ. ދާއިން ޒައުލްއަށް ޒާރާގެ ވާހަކަތައް ކިޔާދިނީ ޒައުލް އާއިއެކު ލިފްޓަށް އަރަމުންނެވެ.

"ޒާރާ އަމިއްލައަށް އަހަރެންގެ ކައިރިއަށް އައިސްފިއްޔާ އަދިވެސް މިހުރީ ގަބޫލުކުރާގޮތަށް.........އޭނަ ކަންތައް ކުރާނީ ކިހިނެއްކަމެއް ނޭގެ" ގޭގެ ދޮރުމަތީ ޒައުލް އާއި ދެމީހުން ތިބެ ވާހަކަދެއްކިއެވެ.

"ޒާރާ އަމިއްލައަށް ޖެހޭނީ މިކަމަށް ހައްލެއް ހޯދަން، އޭނަގެ ހަސަދަވެރި ދުނިޔެއިން ނުކުމެވޭނީ އަމިއްލައަށް ނުކުންނަން ބޭނުންވެއްޖެނަމަ، އެކަމުގަ މީހަކަށް ކުރެވޭނެ މާބޮޑު ކަމެއްނެތް، ދެން ބުނެބަލަ...........އޭނަ ނައިސްފިއްޔާ ހަމައަސްލުވެސް ދާއިން އޭނަ މިނިވަން ކުރާނަންތަ" ޒައުލް ދެހިޔާލެއްގައި ހުރެ އަހާލާފަދަ ގޮތަކަށް ބުނެލިއެވެ.

"ހޫމް، އަހަންނަށް އޭނައަށް އިތުބާރު ކުރެއްވިއްޖެ އެއްނު، އޭނަ ކުރި ހުރިހާ ކަމަކަށްފަހުވެސް އަހަރެން އޭނައަށް މާފުކުރިން، އަލުން އަހަންނާއިއެކު އުޅެން ފުރުޞަތުދީފިން، އެކަން އޭނަ ގަބޫލު ނުކުރާނަންޏާ އަހަރެންގެ ދިރިއުޅުމުގެ ހިއްޞާއެއްކަމުގައި އޭނަ ހުރުން އަހަންނަށް މުހިއްމެއްނޫން.............އިތުރަށް އޭނަގެ ސަބަބުން އަހަރެންގެ ދިރިއުޅުން އޮޅުން ބޮޅުންގަނޑަކަށް ވާކަށް ބޭނުމެއްނޫން، ގެއްލޭ އިތުބާރު ހޯދުމަކީ އެހާ ފަސޭހަކަމެއްނޫން، ޒައުލްއަށްވެސް އެނގޭނެ އަހަރެން އޭނަ އާއި ހެދި އުޅުނުވަރު" ޒައުލް ހުރީ ޒާރާދެކެ ވަރަށް ފޫހިވެފައެވެ.

"ޒާރާ އެނބުރި އަތުވެއްޖެއްޔާ، ދެނޯ" ޒައުލް ވިސްނުންތެރި ނަޒަރަކުން ދާއިންއަށް ބަލަންހުރެފައި ބުނެލިއެވެ.

"ދެން އޭނަ ޖެހޭނީ އަހަރެންގެ އިތުބާރު ހޯދަން މަސައްކަތްކުރަން، އަހަރެންގެ ލޯބި ހޯދަން މަސައްކަތްކުރަން...........އަދި އޭނައަށް ޖެހޭނީ އަހަރެން ބުނާގޮތަކަށް ކަންތައް ކުރަން، އޭނަ ބޭނުންހާ ގޮތަކަށް މިގޭތެރެއަކު ނޫޅެވޭނެ...........އަހަރެންވެސް ދެން އޭނައަށް ވީމައޭ ކިޔާފަ ކަންތައްތައް ދޫކޮއްލާފަ ނުބަހައްޓާނަން، އަހަންނަށްވެސް އަހަރެންގެ ފިލާވަޅު ދަސްވެއްޖެ.............އަހަންނަށް އެނގޭ މަންހާ މައްސަލައެއް ނުޖައްސާނެކަން ޒާރާ މިގޭގަ އުޅެގެން، އަދި އޭނަ އަހަރެންގެ އަންބެއްގެ ގޮތުގައި މުޅިއުމުރަށް ހުއްޓަސް، އަހަރެން ޒާރާ އާއިއެކު ވަގުތު ހޭދަކުރިޔަސް އޭނަ އެކަން ގަބޫލުކުރާނެ، ޒައުލްއަށް އެނގޭތަ، އަހަރެން އަސްލު މަންހާދެކެ ވަރަށް ލޯބިވޭ، އޭނައަށް ލިބިފައެވާ ސިފަތަކުން ކަންނޭގެ އެހާ ލޯބިވަނީ..........ހިތަށްއަރާ، މަންހާ ވީފަދަ ލޯތްބެއް އަހަންނަށްވެސް ނުވެވޭނެއޭ............" ދާއިން ހިޔާލީގޮތަކަށް ބުނެލިއެވެ.

"ހެ ހެ ހެ.............މަންހާ އެއީ ހަމަ އަން އެންޑް އޮންލީ" ޒައުލް ހީނލާފައި މިހެން ބުނެ ދާއިންގެ ކޮނޑުގައި ޖަހާލިއެވެ.

"އަހަރެން އިންތިޒާރުކުރަން ޒައުލްގެ ކައިވެނީގެ ދައުވަތު ކާޑު ލިބޭނެދުވަހަކަށް" ޒައުލް އޭނަގެ ކާރަށް އަރަން ދިއުމަށް ހިނގައިގަތްތަނާހެން ދާއިން ބުނެލިއެވެ.

"ހެ ހެ ހެ ހެ............އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް" ޒައުލް ހެމުން ބުނެލިއެވެ.

"ޒައުލް ދިޔައީތަ........ދާންވީނު ފެންވަރާލަން" ކޮޓަރިއަށް ވަތް ދާއިން ފެނުމާއިއެކު މަންހާ ބުނެލިއެވެ.

"މަން، އަހަރެން ވާހަކައެއް ދައްކަން ބޭނުން" ދާއިން އައިސް މަންހާގެ ގާތުގައި އިށިންނަމުން ބުނެލިއެވެ.

"ބުނެބަލަ.........." ނެހާ ރީތިކުރަން އިން މަންހާ ދާއިންއަށް ބަލާލާފައި ބުނެލިއެވެ.

"މަންގެ އާއިލާ އާއި ބައްދަލެއް ނުކުރާނަންތަ؟" ދާއިން އަހާލިއެވެ. މަންހާ ވަކިއެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

"އެނގޭ މަންމަ އައިކަން އެކޮޅުގަ ހުއްޓަ، އެކަމަކު ނުކެރުނީ ކުރިމަތިލާން" މަންހާ މަޑުމަޑުން ބުނެލިއެވެ. އޭނަ ދާއިންއަށް ބަލާނުލާ އިނދެ ނެހާގެ ފަންއިސްތަށިކޮޅު ކުޑަކުޑަ ފުނަލަކުން ރީތިކުރަމުންދިޔައެވެ.

"މިހާރު ކެރޭނެއެއްނު، އަހަރެން ހުންނާނަމޭ މަންގެ ކައިރީގަ، މަންގެ އާއިލާ ހުރިހާ އެންމެންވެސް އަހަރެން ކުއްވެރިކުރިކަން އެނގޭ، ޝަރަފް އެކަންޏެއްނޫން ރުޅިވެރިކަން އަހަންނަށް ހާމަކުރީ، ޝިމާދުވެސް ހުރީ ވަރަށް ރުޅި އައިސްފަ، މަންގެ ބައްޕަ އެހާ ދެރަވެފަ ހުއްޓަ އަހަރެން ދުވަހަކުވެސް ނުދެކެން................އެމީހުންގެ ގާތަށް މަން ގެންދަން އަހަރެން ބޭނުން" ދާއިން މަންހާގެ ފައިގާ އަތްޖައްސާލިއެވެ.

"އަހަރެންވެސް ބޭނުންދާން، ދާއިން ދެކެ އެމީހުން ހިތްހަމަނުޖެހިފަ ހުންނާކަށް އަހަރެން ބޭނުމެއްނޫން، އަހަރެން އެނބުރި ދާއިންގެ ދިރިއުޅުމަށް ދެވަނަ ފަހަރަށްވެސް ގެނައިމީހަކީ ދާއިން، އަހަރެންގެ މޮޔަކަން..........އަހަރެން ހީކުރީ ދާއިން އަހަރެންދެކެ ލޯބިވެޔޭ ނުބުނަނީ ލޯބިނުވާތީކަމަށް، އެހެންވެ ދާއިންގެ ދުލުން ބުނާއަޑުއަހަން ބޭނުންވީ............." މަންހާ އޭނަގެ ގާތުގައި އިން ދާއިންގެ ގައިގާ ޖެހިލަމުން ބުނެލިއެވެ. އަދި ހިނިތުންވެލައިގެން އިނދެ ދާއިންއަށް ލޯތްބާއިއެކު ބަލާލިއެވެ.

"އެހެންވީރު ބުނޭ، ކޮން އިރަކުން މަންގެ ގެއަށް ދާނީ" ދާއިން އަވަސް އަވަހަށް އަހާލިއެވެ.

"އަދި މަޑުކުރޭ، ޒާރާގެ ޚަބަރެއްވީމަ ދާނީ، މިއަދު ނުދިޔަޔަސް އެންމެ ރަނގަޅުވާނެ..............މާދަންވެސް އެއޮތީނު، އެއަށްވުރެ މިވަގުތު ޒާރާ މުހިއްމު" މަންހާ ބުނެލިއެވެ.

"އަހަރެން ބޭނުން ވިޝާލްގެ ކައިރިންވެސް މާފަށްއެދެން" ދާއިން ބުނެލިއެވެ.

"ވިޝާލް.........އޭނަވީ ކޮންތާކުކަމެއްވެސް ނޭގެ، އެކަމަކު އޭނަގެ ޚަބަރު އެނގޭނެ މީހަކު ހުންނާނެ" މަންހާ ބުނެލިއެވެ. ހުދު އޭނަވެސް ވިޝާލް އާއި ބައްދަލުކުރަން ބޭނުމެވެ.

"އެއީ ކާކު........" ދާއިންއަށް އަހާލެވުނެވެ.

"ޖެނީ، އޭނަގެ ދައްތަ.............އަޑުއެހިން ތިއްތޭ އާއި ޖެނީ ކައިވެނި ކުރަން އުޅުނު ވާހަކަ، އެކަންވީގޮތެއްވެސް ނޭގެ..........." މަންހާ ބުންޏެވެ.

"ކައިވެނި ހުއްޓިފައޮތީ، ކުރިއަށް ގެންދިޔަކަމެއް އެނގިފައެއްނެތް" ދާއިން ބުނެލިއެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * *

"ދޮންބެ ދައްތަ ޕްރެގްވީތަ" ޝަރަފް އާއިއެކު ސޯފާގައި އިން ޖެނީ ވަރަށް ހިނިއައިސްފައި އަހާލިއެވެ. އޭރު އެތަނުގައި ވަސީމާވެސް އިނެވެ. އެއަޑުއިވުނު ޖޫން ރަކިވާގޮތްވިއެވެ.

"އަދި ނޭނގެ، މިރޭ ހަތެއް ޖަހާކަން ހާއިރު ރިޕޯޓް ލިބޭނީ، ތީ ކާކުދިން ޚަބަރެއް" ޖޫންގެ ބަދަލުގައި ޝިމާދު ވާހަކަދެއްކިއެވެ.

"މަންމަ، މަންމަޔަށް ވަރަށް ޔަގީން ކަމަށްވަނީ..........." ޖެނީ ނޫންކަމަށް ހެދިގެން ކުޑަކޮށް ހެވިފައި އިން ވަސީމާއަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ. އެއާއިއެކު އެންމެން ހޭންފަށައިފިއެވެ. ވަސީމާއަށްވެސް ހެވުނެވެ. އެކަމަކު ހެމުން ހެމުންގޮސް އޭނައަށް ރޮވިއްޖެއެވެ. ހުރިހާ ކުދިންނަށް ހައިރާންކަން ވެރިވެގެންދިޔައެވެ. ކުއްލިއަކަށް ވަސީމާއަށް އެވީގޮތެއް ނޭނގިގެންނެވެ. އެންމެ ފުރަތަމަވެސް ވަސީމާގެ ގާތަށް ޖެހުނީ ޖެނީ އާއި ޝަރަފްއެވެ.

"ކިހިނެއްވީ މަންމާ........." ޝަރަފްއަށް އަހާލެވުނެވެ. އިސްޖާލައިގެން އިން ވަސީމާ ހުއްޓާލަން މަސައްކަތްކުރިއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލިއެވެ.

"ކަމެއްނުވޭ.........ތިހުރިހާ ކުދިން ފެނިފަ މަންމައަށް ރޮވުނީ" ވަސީމާ ބުނެލިއެވެ.

"ނޫން، އެހެންނުވާނެ..........މަންކޮ މަތިން ހަނދާންވީ ދޯ" ޝަރަފް ބުނެލިއެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * *

ނެހާ ގޮވައިގެން ކާރު ދުއްވާލަން ދާން ނުކުތް ދާއިން އެނބުރި އައިސްވަނީ މަންހާވެސް ގޮވައިގެންދާން ބޭނުންވެގެންނެވެ. ދާއިންގެ އެއްވެސް އެދުމަކަށް ދެކޮޅު ނުހަދާ މަންހާ ކާރުގެ ކުރީ ސީޓުގައި ދާއިން އާއިޖެހިގެން އިނެވެ. އޭނަގެ އުނގުގައި ނެހާއިނެވެ. މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކުރަމުން ދާއިން ދިޔައެވެ.

އިރުއޮއްސެމުންދިޔަ މަންޒަރަށް ކާރުދުއްވަމުންދިޔަ ދާއިން ބަލަމުންދިޔައެވެ. މަންހާ ގާތު ނުބުނިކަމުގައިވިޔަސް އެވަގުތު އޭނައަށް ކުރެވެމުންދިޔައީ ޒާރާގެ ހިޔާލުތަކެވެ. އޭނަގެ ނިންމުން ނިންމާނީ ކިހިނެއްކަމާއިމެދު ފިކުރު ހިންގަމުންދިޔައެވެ.


(ނުނިމޭ)


Goto authors site: Laaraage Vaahaka