ތެދުމަގު ދެއްކެވި ސާހިބާ
ކީރިތި ރަސޫލާގެ ބައްޕާފުޅާއި މަންމާފުޅު
މުޙައްމަދުގެފާނުގެ ބައްޕާފުޅަކީ މައްކާގެ ބޮޑުން އިޙުތިރާމާއި އަދަބު ތަޢުޒީމު އަރުވަމުންގެންދެވި ޤުރައިޝުންގެ
ބޮޑެއްކަމުގައިވާ ޢަބުދުލް މުޠަލިބުގެ 10 ފިރިހެން ދަރިކަލުންގެތެރެއިން ޢަބުދުﷲ ބިން ޢަބުދުލް މުއަޠަލިބެވެ. މުޙައްމަދުގެފާނުގެ މަންމާފުޅަކީ ޒަހުރާ ޤަބީލާއަށް ނިސްބަތްވެވަޑައިގެންވާ އަންހެންސާހިބެކެވެ. އެކަމަނާއަކީ ވަހުބު ގެ ދަރިކަލެކެވެ. ފުރިހަމަ ނަންފުޅަކީ އާމިނަތު ބިންތު ވަހަބު ބިން ޢަބުދު މަނާފު އެވެ. ނަސަބާ ހަސަބުގެގޮތުން އާމިނަތުގެފާނަކީ ޤުރައިޝްވަންހައިގެ ޢިއްޒަތްތެރި ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަންހެންސާހިބެކެވެ.
ކީރިތި ރަސޫލާގެ ނަންފުޅު
ކީރިތި ރަސޫލާ އުފަންވެވަޑައިގަތުމުން އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނުގެ ކާފާފުޅަށް އެކަމުގެ ޚަބަރުދެއްވުމުން އުފަލުން ވަޑައިގެން އެކަލޭގެފާނު ގޮވައިގެން ގެފުޅުގެ އަރިހަށްގޮސް މާތް ރަސްކަލާނގެ ހަޟުރަތަށް ދުޢާކޮށް އެކަލޭގެފާނަށް
" މުޙައްމަދު "
ގެ ނަމުން ނަންދެއްވިއެވެ. މިނަމަކީ އެދުވަސްވަރު ޢަރަބިންގެތެރެއަށް މުޅިން އާނަމެކެވެ. އިތުރު އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ " މުޙައްމަދު ބިން ޢަބުދިﷲ ބިން ޢަބުދުލް މުއްޠަލިބެވެ." މުޙައްމަދުގެފާނުގެ ނަންފުޅާމެދު ވާހަކަ ދެކެވޭއިރު އެކަލޭގެފާނުގެ ނަސަބުފުޅަށް ބަލާލުމަކި މުހިންމުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އިތުރު އެކަލޭގެފާނުގެ ނަސަބުފުޅު ބަޔާން ކުރެެއްވުމުގެ ކޮންމެވެސް ވަރެއްގެ އިޚުތިލާފުތަކެއް ބައެއް ސިޔަރަތު ލިޔުއްވާ ބޭފުޅުންގެ އަރިހުގައި އެބަހުއްޓެވެ.
އިތުރު އެކަލޭގެފާނުގެ ނަސަބުފުޅު
ކައުއިތުރު ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ނަސަބުފުޅު ތިން ޔަކަށް ޢިލްމުވެރިން ބައްސަވާ
ލައްވާފައިވެއެވެ. އަދުނާނާ ހަމައަށް އެކަލޭގެފާނުގެ ނަސަބުފުޅާ މެދު ހުރިހާ ބޭފުޅުންވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ. ނަމަވެސް ދެވަނަ ބަޔާމެދު އިޚުތިލާފު އުފެދިފައިވެއެވެ. އެއީ ޢަދުނާނުން ފެށިގެން އިބުރާހީމް ޢަލައިހިއްސަލާމާހަމަޔަށް ބަޔާންކޮށްފައިވާ ނަސަފުޅެވެ. ތިންވަނަ ބައިގައި ހަމަޔަޤީނުންވެސް ބައެއް ކުއްތައްވާކަމަށް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެއީ އިބުރާހީމް ޢަލިހިއްސަލާމުން ފެށިގެން އިތުރު އެކަލޭކެފާނުގެ ނަސަބުފުޅު އާދަމް ޢަލައިހިއްސާމާހަމަޔަށް ބަޔާންކުރައްވާފައިވާ ނަސަބުފުޅެވެ. "ވަﷲ އަޢުލަމު" ނަސަބުގެ މި ތިންބައިގެތެރެއިން ފުރަތަމަ ބައި އަޅުގަނޑު ބަޔާންކޮށްލާނަމެވެ. އެއީ.
މުޙައްމަދު ބިން ޢަބުދުﷲ ބިން ޢަބުދުލް މުއްޠަލިބު( ޝައިބާ ) ބިން ޙާޝިމް( ޢަމްރު ) ބިން ޢަބުދު މަނާފު ( މުޣީރާ )ބިން ޤުޞައްޔު ( ޒައިދު) ބިން ކިލާބު ( މުއްރާ ބިން ކަޢުބު ބިން ލުވައްޔު ބިން ޣާލިބު ބިން ފިހުރު ބިން މާލިކު ބިން ނަޟަރު ( ޤައިސް ) ބިން ކިނާނާ ބިން ޚުޒައިމާ ބިން މަދުރަކު ( ޢާމިރު ) ބިން އިލްޔާސް މަޟަރ ބިން ނިޒާރު ބިން މުޢައްދު ބިން ޢަދްނާން އެވެ.
މުޙައްމަދު ބިން ޢަބުދުﷲ އުފަންވެވަޑައިގަތުން
ކީރިތ ރަސޫލާ މުހައްމަދުން ޞައްލަﷲ ޢަލައިހިވަސައްލަމް އުފަންވެވަޑައިގަތީ މައްކާގައި ބަނޫ ހާޝިމް
ވަންހައަށްހުރި ފަޚުރެއްކަމުގައެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ ހިޖުރީގޮތުން 9 ރަބީޢުލް އައްވަލުގައެވެ. އެއީ ފީލުބާގައިގެމީހުން ގެފުޅުމުގުރާލަންއައި އަހަރެވެ. އިތުރު އެކަލޭގެފާނު އުފަންވެވަޑައިގަތީ 9 ރަބީޢުލް އައްވަލުވީ ހޯމަދުވަހުއެވެ. މީލާދީ ތާރީޚައްބަލާއިރު އެއީ 20 އޭޕްރީލް 571 އެވެ.
އިބުނު ސަޢުދުގެ ރިވާޔަތެއްގައި ކީރިތި ރަސޫލާގެ މަންމާފުޅު ވިދާޅުވިކަމަށްވެއެވެ." އިތުރު އެކަލޭގެފާނައިގެން
ތިމަންކަމަނާ ރައްކައުވެވަޑައިގެންހިދު ތިމަންކަމަނާގެ ހަށިކޮޅުން ވަރުގަދަ އައްޔެއް ނުކުމެގެން ދިޔައެވެ. އެއަލިން ޝާމްކަރައިގެ ގަނޑުވަރުތައް އަލިވެގެން ދިޔައެވެ."
ކީރިތި ރަސޫލާ އުފަންވެވަޑައިގަތްހިނދު ހިނގި ބައެއް އަދަޔާޚިލާފު ހާދިޘާ
1.އެކަލޭގެފާނުގެ މަންމާފުޅުގެ ހަށިކޮޅުން އައްޔެއް ނުކުތުން.
2. ސާވާއޭ ކިޔާ ބޮޑުކޯރުގެ ފެންގަނޑު ހިކުން.
3. ނިވުނަނުދީ އަންދަމުންގެންދިޔަ މަޖޫސިން އަޅުކަންކުރާ އަލިފާންގަނދު ނިވުން.
4. ބުދުފައްޅިތަކަށް ގެއްލުން ލިބުން.
މިނޫންވެސް ބައެއްޙާދިޘާތައް ހިނގިކަމަށް ސިޔަރަތު ލިޔުއްވާ ބޭކަލުން ބަޔާންކުރައްވާފައި ވެއެވެ. ނަމަވެސް
މިކަންކަމާމެދު ބައެއް އިޚުތިލާފުތައް ހުރުމާއެކު މިބައި ކުރުކޮށްލާނަމެވެ.
އިތުރު އެކަލޭގެފާނު އުފަންވެވަޑައިގަތުމުން ޢަބުދުލް މުއްޠަލިބަށް ކާފަދަރިކަލަކު ލިބިވަޑަިގެންފިކަމުގެ އުފާވެރިޚަބަރު
ދެއްވުމުން ވަރަށްއުފަލާއެކު އެތަނަށްވަޑައިގެން އެކަލޭގެފާނުގޮވައިގެން ކަޢުބަތުﷲ ގެފުޅަށް ވަޑައިގެން މާތްﷲ ގެ ޙަޟުރަތަށް ޝުކުރު އަދާކޮށް އެކަލޭގެފާނަށް ހެޔޮދުޢާކުރެއްވުމަށްފަހު އިތުރު އެކަލޭގެފާނަށް " މުޙައްމަދު " ގެ ނަމުން ނަންދެއްވިއެވެ.
އެއަށްފަހު ޢަރަބީންގެ އާދަ ކާދައިގާވާގޮތުން ހަތްވަނައަށްވީދުވަހު އެކަލޭގެފާނު ޚިތާނުކުރެއްވިއެވެ. ނަމަވެސް ބައެއް ރިވާޔަތްތަކުގައި އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއިރުވެސް ޚިތާނު ކުރެވިފައިވާކަމަށްވެއެވެ.( ތަލްޤީހުލް ފަހޫމްސ4 ) ނަމެސް އިބުނި ޤައްޔިމު ވިދާޅުވަނީ މިކަމާމެދު އެއްވެސް ސައްޙަ ޙަދީޘެއް ނުލިބޭކަމަށެވެ.( ޒާދުލް މަޢާދު 1/18(
ތުއްޕުޅުއިރުގެ ހާލުކޮޅާއި މުހިންމު ބައެއްހާދިޘާތައް
ކިރުފޮދު ހިއްޕެވުން
ކީރިތި ރަސޫލާ އެންމެފުރަތަމަ ކިރުފޮދު ހިއްޕެވީ އެކަލޭގެފާނުގެ މަންމާފުޅު ކަމުގައިވާ އަމިނަތުގެފާނުގެއަރިހުންނެވެ.
އޭގެ ދެތިން ދުވަސްފަހުން އެކަލޭފާނަށް ކިރުފޮދު އެރުވީ އަބޫ ލަހަބުގެ ޖަރިޔާއެއްކަމުގައިވާ ޘައުބިއްޔާ ރަޟިޔައްﷲ ޢަންހާއެވެ. ޘައުބިއްޔާއަށްފަހު އެކަލޭގެފާނަށް ކިރުފޮދު އަރުއްވައި އަދި އެކަލޭގެފާނުގެ ކިރުމައިކަމަނާގެ ގޮތުގައި މުޅިދުނިޔެއަށް މަޝްހޫރު ވެގެންދިޔައީ ޙަލީމަތު { ޙަލީމަތުއް ސަޢުދިއްޔާ } ގެފާނެވެ.
އެޒަމާނުގައި މައިމީހާފިޔަވާ އެހެންމީހެއްގެގާތުން ކިރުދިނުމަކީ އެބައިމީހުންގެ އާދަކާދައިގެތެރެއިންވާ ކަމެއްކަމުގައިވާތީ
އާއި އެބާއިމީހުން ޤަބޫލުކުރާގޮތުގައި އެހެންމީހެއްގެގާތުން ކިރުދިނުމުން ކުޑަރިފުޅު ރޯގާތަކުން މިންޖުވެ ސިއްޙަތުވެސް ރަނގަޅު ދެއެވެ. އެހެންވުމުން އެއާދަކާދައިގެދަށުން މުޙައްމަދުގެފާނަށް ކިރުފޮދު އެރުއްވުމަށްޓައި ޙަލީމަތުގެފާނާ ހަވާލުކުރެއްވެވިއެވެ.
ކިރުމައިކަމަނާ ޙަލީމަތުގެފާނުގެ އަރިހުގައި
މުޙައްމަދު ބިން ޢަބުދުﷲ އުފަންވެވަޑައިގަތްތާ ކުޑަދުވަސްކޮޅެއްފަހުން ޚަވާޒުން ޤަބީލާގެ އަންހެނުންކޮޅެއް އުޖޫރައަށް
ކިރުދޭނޭ ކުއްޖަކު ލިބޭތޯ ބެލުމަށް މައްކާއަށް އައެވެ. މިއައި އައުމުގެ ތެރޭގައި ޙަލީމަތުގެފާނުފިޔަވާ އެހެންހުރިހާ އަންހެނުނަށް ކިރުދޭނޭ ކުދިން ލިބިއްޖެއެވެ. ލިބުނީ މުއްސަނދި ޢާއިލާތަކުގެ ކުދިންކަމުގައިވާތީ މިއަންހެނުންތައް ފަޚުރުވެރިކަމާއެކު އެވާހަކަދައްކައި އުޅެތެވެ. އެހިނދު ޙަލީމަތުގެފާނަށް މި ހުށަހެޅުނީ މުޙައްމަދު ބިން ޢަބުދުﷲ އަށް ކިރުފޮދު ދެއްވުމަށް ގެންދެވުމަށެވެ. ހުސްއަތާ އެނބުރި ވަޑައިނުގަންނަވަންވެގެން އެކަމަނާ އެކަލޭގެފާނާ ހަވާލުވެވަޑައިގަތެވެ.
މުޙައްމަދުގެފާނަށް ކިރުފޮދު ދެއްވުމަށް ހަވާލުވެވަޑައިގަތްތާ ގިނަދުވަހެއްނުވެ އެކަމަނާގެ މުޅި ހަޔާތްޕުޅު މުޅިން
ބަދަލުވެގެންދިޔައެވެ. އެކަމަނާގެ ހުރިހާ ކަމެއްގައިހެން މާތްﷲ ބަރަކާތް ލައްވަވައި ނިޢުމަތުން ފުރާލެއްވިއެވެ.ޚައްޞަކޮށް ފާހަގަކޮއްލެވޭ ޙާދިޘާއެއް ބަޔާންކޮށްލާނަމެވެ.ޙަލީމަތުގެފާނު ވިދާޅުވިއެވެ." އޭގެކުރިން އެބަރީގެ ވައްގަނޑުވަނީ މުޅިން ހިކިފައެވެ. ނަމަވެސް އިތުރުއެކަލޭގެފާނައިގެން ވަޑައިގަތުމުން ކުއްލިއަކަށް އެބަކަރީގެ ވައްގަނޑަށް ކިރުއަރާ ބާރުވެގެންދިޔައެވެ. ގޭ އެންމެން ބަނޑުފުރެންދެން އެބަކަރިން ކިރުފެލައިގެން ބުއިއިރުވެސް އެންމެތަންކޮޅެއްވެސް މަދުވިހެނެއް ހިއެއްނުވެއެވެ." މީހަމަ ގައިމުވެސް މާތް ﷲ ގެ ބަރަކާތެވެ.
މޭފުޅު އިރުއްވުމުގެ ޙާދިޘާ
ކިރުހިއްޕެވުމުގެ މުއްދަތު ނިމުނުފަހުންވެސް އިތުރު އެކަލޭގެފާނު ހުންނެވީ ބަނޫ ސައުދު ( ޙަލީމަތުގެފާނުގެ އަރިހު)
ގައެވެ. މިހެންހުންނަވަނިކޮށް އެކަލޭގެފާނުގެ ޢުމުރުފުޅުން ހަތަރެއް ނުވަތަ ފަސްވަނަ އަހަރު އެކަލޭގެފާނުގެ މޭފުޅު އިރުއްވުމުގެ ހާދިޘާޔާ ދިމާވިއެވެ. މިކަމުގެ ތަަފްސީލު އަނަސްގެފާނު ބަޔާންކޮށްދެއްވިއެވެ. ވިދާޅުވިއެވެ." އިތުރު އެކަލޭގެފާނު ކުޑަކުދިންތަތާއެކު ކުޅެން ހުންނަވަނިކޮށް ޖިބުރީލްގެފާނު އެކަލޭފާނުގެ އަރިހަށް ވަޑައިގަތެވެ. ވަޑައިގެން އެކަލޭގެފާނުގެ މޭފުޅު އިރުއްވާއި ހިތްޕުޅު ނެންގެވުމަށްފަހު އެއިން ކުޑަ ތަންކޮޅެއް ( ލޭކޮޅެއް ) ވަކިކޮށްލެއްވުމަށްފަހު ވިދާޅުވިއެވެ.މިއީ ކަލޭގެފާނުގެ ހިތްޕުޅުގައިވާ ޝައިޠާނާގެ ހިއްސާއެވެ. އެއަށްފަހުހިތްޕުޅު ޒަމްޒަމްފެނުން ދޮންނެވުމަށްފަހު އިހުހުރިގޮތަށް މޭފުޅަށްލައްވައި ރުޖޫޢަ ކުރެއްވީއެވެ.
ކުޅެންތިބިކުދިންތައްދުވެފައިގޮސް ޙަލީމަތުގެފާނަށް ދެންނެވިއެވެ. އެކަލޭގެފާނު ޤަތުލުކޮށްލައިފިއެވެ. އެހިނދު އެގޭބޭޅުން ދުވެފައި އެތަނަށް ވަޑައިގެންނެވިއިރު އެކާލޭގެފާނު ހުންނެވީ ކުޑަކޮށް ހާސްވެ ކަންބޮޑުވުން މަތީގައެވެ.( ސަޙީހު މުސްލިމު،ބާބުލް އިސްރާ ) ( އައްރަޙީޤުލް މަޚުތޫމް 86ސ)
އެއްކިރުގެ ގޮތުން ތިމާގެ ބޭފުޅުން
ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް ގެ ކިރުމައިކަމަނާގެފުށުން އެއްކިރުގެ ގޮތުން ތިމާގެބޭފުޅުންގެ
ވާހަކަ ހާމަކޮށްލުމަކީ މިދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑުދެކެއެވެ. އިތުރު އެކަލޭގެފާނާ އެއްކިރުގެ ގޮތުން ތިމާގެ ހަތަރު ބޭފުޅުން ތިއްބެވިއެވެ. އެއީ ޢަބްދުﷲ އާއި އަނީސާ އާއި ހުޒާފާ ނުވަތަ ޖުޒާމާ (މީނާ މަޝްޙޫރުވެފައިވަނީ ޝައިމާގެ ލަޤަބުންނެވެ.) މިބޭފުޅުންގެތެރެއިން ޢަބްދުﷲ އާއި ޝައިމާ އިސްލާމްވެވަޑައިކަން އެނގެއެވެ. ބާކީ ތިއްބެވިބޭފުޅުންނާމެދު މާއިތުރަކަށް އެނގޭކަށްނެތެވެ.
ލޮބުވެތި މަންމާފުޅުގެ އަރިހުގައި
މުޙައްމަދުގެފާނުގެ ހިތްޕުޅު ޒަމްޒަމްފެނުން ދޮންނެވުމުގެ ހާދިޘާއަށްފަހު ޙަލީމަތުގެފާނު ބިރުފުޅުން އިތުރު
އެކަލޭފާނައިގެން މައްކާއަށް ވަޑައިގެން އެކަލޭގެފާނުގެ މަންމާފުޅާ ޙަވާލުކުރެއްވީއެވެ. އިތުރު އެކަލޭގެފާނުގެ ޢުމުރުފުޅުން 6 އަހަރުފުޅުވަންދެން ހުންނެވީ ލޮބުވެތި މަންމާފުޅުގެ އަރިހުގައެވެ.
އާމިނަތުގެފާނުގެ ނިޔާވެފައިވާ ފިރިކަލުންގެ ހަނދާނުގައި އެކަލޭގޭފާނުގެ ޤަބުރަށް ޒިޔާރަތްކުރެއްވުމަށް ޤަސްދު
ކުރައްވައި ޔަތީމު ދަރިކަލުންނާއެކު މަދީނާއަށް ވަޑައިގަތުމަށް ޤަސްދު ކުރެއްވިއެވެ.
އާމިނަތުގެފާނުގެ ޚާދިމާކަމުގައިވާ އުއްމު އައިމަންއާއި ބެލެނިވެރިޔާ ކަމުގައިވާ އަބުދުލް މުއްޠަލިބުގެފާނާއެކު
މަދީނާއަށް ވަޑައިގަތެވެ. މަދީނާގައި 1 މަސްވަންދެން މަޑުކުރެއްވުމަށްފަހު މައްކާއަށް ވަޑައިގަތުމަށް ދަތުރުފެއްޓެވިތަނާހެން ވަރަށްބޮޑަށް އާލާސްކަންފުޅެއްޖެހި " އަބުވާ " އޭކިޔާ މަޤާމަށް ވަޑައިގެންނެވިތަނާހެން އެކަމަނާ އަވަހާރަވީއެވެ.
ކާފާފުޅުގެ ލޮބުވެތި ހިޔަލުގައި
މުސްކުޅިކާފާފުޅު ކާފަދަރިކަލުންގޮވައިގެން ވަޑައިގަތީ ސީދާ މައްކާއަށެވެ. ޢަބުދުލް މުއްޠަލިބުގެފާނުގެ ހިތްޕުޅުވަނީ
އިތުރުއެކަލޭގެފާނަށްޓަކައި ލޯބިން ފުރިފައެވެ.ޚުދު އެކަލޭގެފާނުގެ އުފަންދަރިދަރިކަލުންނަށް ނެތްފަދަލޯތްބެއް މުޙައްމަދުގެފާނުގެ މައްޗަށްވަނީ ޖެހިފައެވެ. އިތިރު އެކަލޭގެފާނަށްޓަކައި ޢަބުދުލް މުއްޠަލިބުގެފާނުގެ ހިތްޕުލުވަނީ ލޯބިންފުރިފައެވެ. އުފަން ދަރިންނަށްނުދެއްވާ މަޤާމުތައް އެކާފަދަރިކަލުންނަށްދިޔައީ ދެއްވަމުންނެވެ.އިތުރުއެކަލޭގެފާނު ކުޅުއްވަން އުޅުއްވާތަން ފެނުމުންވެސް ކާފާފުޅު ހުންނަވަނީ ވަރަށް އުފާފުޅުންނެވެ.
މިފަދަ އުފާވެރިގޮތަކަށް އުޅުއްވަނިކޮށް އިތުރުއެކަލޭފާނުގެ ޢުމުރުފުޅުން 8 އަހަރާއި 2 މަހާއި 10 ވަނައަށްވީ ދުވަހު
ލޮބުވެތި ކާފާފުޅު އަވަހާރަވެ ލޮބުވެތިހިޔަލާއި އޯގާތެރި ހިޔަލުންވެސް މަޙުރޫމުވެވަޑައިގަތީއެވެ. ކާފާފުޅު އަވާހަރަވުމުގެ ކުރިން އިތުރުއެކަލޭގެފާނުގެ ބެއްލެވުމަށް އަބޫޠާލިބުގެފާނަށްވަނީ ވަޞިއްޔަތް ކުރައްވާފައެވެ.
ބޮޑޫބޭބޭފުޅުގެ ބެއްލެވުމުގެ ދަށުގައި
ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމްގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނު އެކަލޭގެފާނު ގެންގުޅުއްވީ
ނުހަނު އޯގާތެރިކަމާއެކުގައެވެ.އުފަންދަރިންނެކޭ އެއްފަދައިން އަދި ކިއެއްތަ އެއަށްވުރެވެސް ބޮޑަށް ލޯތްބާއިޙުތިރާމާއެކު އެކަލޭގެފާނު ގެންގުޅުއްވިއެވެ. 40 އަހަރަށްވުރެ ދިގުމުއްދަތަކަށް ތަފާތު އެތަކެއް ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވާ ހިމާޔަތްކޮށް ދެއްވަމުން ގެންދެވިއެވެ. އަބޫޠާލިބުގެފާނަކީ ކީރިތި ރަސޫލާ މުޝްރިކުންގެ ކިބައިން މާތްﷲގެ ވާތްގާއެކު ސަލާމަތްކޮށްދެއްވި އައްޑަނައޭވެސް ބުނެވިދާނެއެވެ.
އިތުރު އެކަލޭގެފާނުގެ ބަރަކާތުން ވާރޭ ވެއްސެވުން
އިބުނި ޢަސާކިރު ޖުލަހުމާ ބިން ޢަރަފުޠަ ގެ އަރިހުން ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ. ތިމަން މައްކާއަށްއައިއިރު
އެމީހުންވަނީ ފެނަށް ވަރަށްބޮޑަށް ދަތިވެ ހަލާކުވާން ކައިރިވެފައެވެ. ޤުރައިސުން އަބޫޠާލިބުގެފާނަށް ދެންނެވިއެވެ. ވާދީތަށްވަނީ ހިކިހުއިކޮޅަށްވެފައެވެ. ކުދިންތައްވެސް ފެނަށް ހަލާކުވަނީއެވެ. ވާރޭވެއްސަވާތޯ ދުޢާކުރަމާ ހިންގަވާށެވެ. އެހިނދު އަބޫޠާލިބު ކުޑަކުއްޖަކުގޮވައިގެންއައެވެ. އެކުއްޖާހީވަނީ ދެންމެ ވިލާތަކުން ނެއްޓިގެން އަރަމުން އަން ސާފު އިރެންހެންނެވެ. ބައިވަރު ކުދިންތަކެއް ތިއްބާ އެކުދިންތަކުގެ މެދުން މިބުނާކުއްޖާގެ އަތުގައި ހިތްޕަވައިގެ ކަޢުބަތުﷲ ގެފުޅަށް ވަޑައިގެން ގެފުޅުގެ ފާރުގައި އެކުއްޖާގެ ބުރަކަޖެހޭގޮށް ބެހެއްޓެވިއެވެ. އެހިނދު އެކުއްޖާ ހުރީ އަބޫޠާލިބުގެފާނުގެ އިނގިލީގައި ހިއްޕަވައިގެންނެވެ. އެއިރު އުޑުމަތީގައި އެއްވެސް ވިލާކޮޅެއް ފެންނާކަށް ނެތެވެ. ނަމަވެސް ބަލަބަލާހުއްޓާ އެތަންމިތަނުން ވިލާޖަމާވެ ބޯދުންގަނޑެއްފަދައިން ބޯކޮށް ވާރޭވެހެންފެށިއެވެ. އެންމެފަހުން މައްކާގެ މަގުތަކުގައި ފެންބޮޑުވެގެން ދިޔައެވެ. މީސްތަކުންނަށް އުފާވެރިކަމާ ހިތްހަމަޖެހުން ލިބިގެންދިޔައެވެ.
އަބޫޠާލިބުގެފާނުގެ އަރިހުގައި އެވަގުތު ހުންނެވީ މިއުންމަތުގެމާތް ނަބިއްޔާ މުޙުއްމަދުގެފާނެވެ. އެކަލޭގެފާނުގެ ބަރަކާތުން
އެދުވަހު ވާރޭ ވެއްސެވުމުން އެކަން ފާހަގަކުރައްވައި މުހައްމަދުފާނަށް އަބޫޠާލިބުގެފާނު ޅެމެއްހައްދަވައިގެން ކިޔުއްވިއެވެ.( އައްރަޙީޤުލް މަޚުތޫމް 88ސ)
ރާހިބު ބުޙައިރާގެ ވާހަކަ
އިތުރު އެކަލޭގެފާނުގެ ޢުމުރުފުޅުން 12 އަހަރުފުޅުވީތަނާހެން އެކަލޭގެފާނުގެ ބޮޑުބޭބޭފޫޅު އެކަލޭގެފާނުގޮވައިގެން
ވިޔަފާރި ދަތުރުފުޅެއްގައި ޝާމުކަރައަށް ( މިޞުރު ) ވަޑައިގަތެވެ. ވަޑައިގެން ބުޞްރާގައި މަޑުކުރެއްވިތަނުން ބުޙައިރާ،ބައެއް ފޮތްތަކުގައި ބަޙީރާގެ ނަމުންވެސް ލިޔެފައިވެއެވެ. ( އަސްލުނަން ޖަރުޖީސް ) އޭ ކިޔާ ރާހިބު އޭނާގެ ފޭލިގެއިން ނުކުމެގެން އައިސް އެޤާފިލާގެ މީހުންނަށް މެހެމާންދާރީ އަދާކުރައްވަންފެއްޓެވިއެވެ. އަސްލުގަމީނާއަކީ މިގޮތަށް އެއްގޮތަކަށްވެސް ނިކުމެއުޅޭ މީހެއްނޫނެވެ. އޭނާ ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް ދެނެގަތީ އެކަލޭފާނުގެ ފާރާތްޕުޅުން ފާޅުވެގެންދިޔަ ކަންތައްތަކަކުންނެވެ. އޭނާ ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމްގެ އަތްޕުޅުގައި ހިއްޕަވާފައި ވިދާޅުވިއެވެ. " މީ ސައްޔިދުލް ޢާލަމީން އެވެ. މާތް ﷲ މިކަލޭގެފާނު ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވާނެއެވެ." އަބޫޠާލިބުގެފާނު ވިދާޅުވިއެވެ. ކަލެއަށް ތިކަންއެނގެނީކިހިނެއްހެއްޔެވެ. އޭނާ ވިދާޅުވިއެވެ. " ކަލޭމެން މިއޮއްފަރުބަދައާވީ ދިމާލުން ވަޑައިގެންނެވިއިރު އިތުރު އެކަލޭގެފާނަށް ސަޖިދަ ނުކުރައްވައި އެތަނުން އެއްވެސް ހިލައެއް އަދި ގަހެއްވެސް ނުވެއެވެ. އެތަކެތި، ނަބީންފިޔައި އާދައިގެ އިންސާނުންނަކަށް ސަޖިދައެއް ނުކުރާނެއެވެ. އަދި މީގެ އިތުރުން އެކަލޭގެފާނު އެނގެނީ އެކަލޭގެފާނުގެ ބުރަކަށިފުޅުގައި އެވާ ނަބީކަމުގެ ސިއްކައިންނެވެ. މިވާހަކަތަކަކީ އަހަރެމެންގެ ފޮތްތަކުގައިވެސް ވާ ވާހަކަތަކެކެވެ."
ރާހިބުވިދާޅުވިއެވެ. "އިތުރު އެކަލޭގެފާނު މިސްރަށް ނުގެންދަވާށެވެ. އެއީ ޔަހޫދީންގެފަރާތުން އެކަލޭފާނަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ." ވަގުތުން އަބޫޠާލިބުގެފާނު އިތުރުއެކަލޭފާނު ބައެއް އަޅުންނާއެކު އަނބުރާ މައްކާއަށް ފޮނުއްވީއެވެ. ( ރަހީޤުލް މަޚުތޫމް 88ސ )
ޒުވާން ޢުމުރުފުޅުގައި ކުރެއްވި ބައެއްމަސައްކަތްޕުޅުތައް
އިތުރުއެކަލޭގެފާނުގެ ޒުވާން ޢުމުރުފުޅުގައި ކުރެއްވި ވަކި ޚާއްޞަ މަސައްތަޕުޅެއް ނުވެއެވެ. އިތުރު އެކަލޭގެފާނު
ކުރެއްވި މަސައްކަތްޕުޅުތަކުގެތެރޭގައި ބަކަރި ހުއިހެއްޕެވުން ހިމެނެއެވެ. ބަނޫ ސަޢުދު ވަންހައިގައި ހުންނެއި އިރުވެސް ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތް ކުރެއްވެވިއެވެ. މީގެ އިތުރުން އިތުރު އެކަލޭގެފާނު މައްކާގެ ބަައެއްބޭފުޅުންނަށްވެސް ވަރަށްކުޑަ އުޖޫރައަކަށް ބަކަރި ހުހިހައްޕަވައި ދެއްވެވިއެވެ.
ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް ގެ ބޮޑުބޭބޭފުޅަކީ ވިޔަފާރިވެރިއަކަށްވީތީ އެކަލޭގެފާނާއެކު
މުހައްމަދުގެފާނު ތަފާތު ދަތުރުފުޅުތަކުގައި ވިޔާފަރިކަމު ވަޑައިގަތުމުން އެކަމުގެ ތަޖުރިބާ އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 25 އަހަރުފުޅެވެ. މުޙައްމުދުގެފާނު ބުޑޮފުޅުވެގެންއައި ދުވަސްވަރު އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ވާހަކަ މުޅިމައްކާއަށް ވަނީ ވައިރޯޅިއެއްފަދައިން ފެތުރިފައެވެ. މިދުވަސްވަރު ޚަދީޖަތުގެ ފާނުގެ މުދަލައިގެން ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް ޝާމްކަރައަށް ވަޑައިގަތެވެ. މިފަދައިން އެހެންބޭފުޅުންވެސް ވަޑައިގަންނަވައެވެ. ލިބިލައްވާ ފައިދާ ގެ ވަކި ހިއްސާއެއް ދޭގޮތަށް ޚަދީޖަތުގެފާނު އޮންނަނީ ހަމަޖައްސަވާފައެވެ. ހަމައެފަދައިން މުޙައްމަދުގެފާނަށްވެސް އެހެންމީހުންނަށްވުރެ ބޮޑުހިއްސާއެއްދެއްވާގޮތަށް ޚަދީޖަތުގެފާނު ހަމަޖެއްސެވިއެވެ. ކީރިތ ރަސޫލާ މިހުށަހެޅި ހުށަހެޅުން ޤަބޫލުކުރައްވާ އެކަމާނެ މުދަލާއިގެން ޝާމްކަރައަށް ވަޑައިގަތެވެ. މިދަތުރު ފުޅުގައި ޚަދީޖަތުގެފާނުގެ އަޅު މައިސަރާ ވަޑައިގަތެވެ. މީ އިތުރު އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކެވެ. މީގެ އިތުރުންވެސް އެކަލޭގެފާނަކީ ގޭތެރޭގެ ދިރިއުޅުއްވުމުގައި ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ މަސައްކަތްޕުޅެއް ޚުދު އެކަލޭގެފާނުގެ އަތްޕުޅުން ކުރައްވާ އުޅުއްވިބޭކަލެކެވެ.
މަދީނާއަށް ހިޖުރަކުރެއްވުން
ހިޖުރައިން 13 ވަނައަހަރު މަދީނާގެ ބޮޑުވަފުދެއް ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމްގެ
އަރިހަށް އައިސް އިސްލާމްދީން ފެތުރުމަށާއި އެދީން ދިފާޢުކޮށް މަދީނާގައި އެންމެހައިމުސްލިމުންނަށް ރައްކާތެރިކަން ދިނުމަށާއި އަދި ހުރިހާ ވަގުތެއްގައި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމްއަށް ކިޔަމަންތެރުވުމަށް އެއްބަސްވެ ބައިޢަތު ހިއްޕެވިއެވެ. މިބައިޢަތަށް ޢަޤަބާގެ ދެވަނަ ބައިޢަތުގެނަމުން ނަންދެވުނެވެ. އަދި ހަމައެހެންމެ މި ބައިޢަތު ބެލެވިފައިވަނީ ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް މަދީނާއަށް ހިޖްރަ ކުރެއްވުމަށް މެދުވެރި ކުރެއްވި އެންމެ މުހިންމު އެއްބަސްވުން ކަމުގައެވެ.
މައްކާގެ މުޝްރިކުންގެފަރާތުން ކީރިތި ރަސޫލާއަށް ކުރިމަތިވަމުންދިޔަ އަނިޔާތަކާއި ދުއްތުރާތައް ހައްދުފަހަނައަޅާހިސާބަށް
ދިއުމުން ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމުގެ އިޛުނަ މާތްﷲ ދެއްވެވިއެވެ. މިދަތުރު ފުޅުގައި ކީރިތި ރަސޫލާއާއެކު ބައިވެރިވެ ވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގަތީ ހަމައެކަނި އަބޫބަކުރުގެފާނަށެވެ.
ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް މުޙައްމަދުގެފާނާއި އަބޫބަކުރުގެފާނާ ދެބޭކަލުން ދަތުރު
ކުރައްވާނޭ ސަވާރީ އަބޫބަކުރުގެފާނު ތައްޔާރު ކުރެއްވުމަށްފަހު ޞަޙަރާގައި ދަތުރުކުރުމުގެ މާހިރެއްކަމުގައިވާ އަބުދުﷲ ބުނު ޢުރައިޤަތު ކުއްޔަށް ހިއްޕެވިއެވެ. މީނާއަކީ ޣައިރު މުސްލިމެއްނަމަވެސް ،ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހި ވަސައްލަމް މީނަގެ އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަމަށް އިތުބާރު ކުރެއްވިއެވެ.
މިދަތުރުފުޅު ފެއްޓެވުމުގެ ކުރިން،ޢަލީގެފާނާއި ދެކަމެއް ޙަވާލުކުރެއްވިއެވެ. އެކަލޭފާނުގެ ދާންމަތިކޮޅުގައި އެރޭ
އަވަހާފުޅުލެއްޕެވުމަށާއި އަދި އެކަލޭގެފާނުގެ ހަވާލުގައި ބެހެއްޓިފައިހުރި ބައެއް އަމާނާތްތައް އޭގެ އަހުލުވެރިންނަށް ރައްދުކޮށް ދެއްވުމަށެވެ.
މިދަތުރުފުޅުގައި ކީރިތި ރަސޫލާއަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިވަޑައިގެންފައިވެއެވެ. އޭގެތެރޭގައި
އަސްމާ ބިންތި އަބޫބަކުރާއި ޢަބުދުﷲ ބުނު އަބޫބަކުރުގެ އެހީތެރިކަން ފާހަގަކުރެވެއެވެ.އަދި މިކަންތައްތައް ހަމަޖެއްސެވުމަށްފަހު ކީރިތި ރސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމަށް ނިކުމެވަޑައިގަތީ، ނަބީކަމައިގެން ފޮނުއްވުނުތާ 13 ވަނައަހަރުގެ ޞަފަރުމަހުގެ ފަހުދިހައިގެ ރެއެއްގައެވެ.
ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް މަދީނާއަށް ވަޑައިގަތުމަށްޓަކައި، ނިކުމެވަޑައިގަތީ،
މުޝްރިކުންގެ ޒުވާން ފަހުލަވާނުންތަކެއް ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް އަވާހާރަކޮށްލުމަށް އެކަލޭގެފާނުގެ ގެކޮޅުކައިރިއަށް އެއްވެތިއްބައެވެ. މާތް ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް އާއި އަބޫބަކުރުގެފާނު މައްކާދޫކުރައްވައި ނިކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައަށް ވަޑައިގަތެވެ.
ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމަށް ފާރަލަމުންދިޔަ މުޝްރިކުންނަށް އެކަލޭގެފާނު މައްކާއިން
ނިކުމެވަޑައިގަތްކަން އެނގުމުން، މައްކާގެ އެތަންމިތަނަށް ހޯދުމަށް އަވަސްވެގަތެވެ. މިގޮތުން ދަތުރުކޮށްފައިވާ ބައެއްގެ ފާހަގަޔަށް ބަލަމުން ޘައުރު ފަރުބަދައިގެ ހޮހަޅައާ ހަމައަށް ބަލައި ހޯދިއެވެ. ނަމަވެސް ﷲގެ ހެޔޮ ރަހުމަތްފުޅުން މުޝްރިކުންނަށް އެބޭކަލުން ފެންނަގޮތެއްނުވިއެވެ.
ޘައުރު ފަރުބަދައިގެ ހޮހަޅަކައިރިއަށް މުޝްރިކުންގެ ފަހުލަވާނުންތައް އައިސް އެހިސާބުހޯދަން ފެށުމުން އަބޫބަކުރުގެފާނު
ބިރުފުޅުން ހުންނަވައި ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް އަށް ވިދާޅުވިއެވެ." އެބައިމީހުންގެ ތެރެއިން މީހަކު ފައިތިލައަށް ބަލައިލިނަމަވެސް އަޅުގަނޑުން ތިބިތަން އެމީހުނަށް ފެންނާނެއެވެ." އެހެންނަމަވެސް ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމަށް އަބޫބަކުރުގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވުމަށް ޙަދީޘްކުރެއްވިއެވެ." އޭ އަބޫބަކުރުގެފާނެވެ. ހިތާމަ ނުކުރައްވާށެވެ. ހަމަކަށަވަަރުން ﷲ ވޮޑިގެންވަނީ އަަރެމެންނާއެކުގައެވެ."
އެއަށްފަހު މުޝްރިކުންގެ ފަހުލަވާނަކު، ފަރުބަދައިގެ ހޮހަޅައާވި ފަރާތަށް ޖެހިލައި އެތެރެބަލައިލުމަށްފަހު އެކުގައި
ތިބިމީހުންނަށް ބުންޏެވެ.އެމުޅި ހޮހަޅައިގަވެސް އޮތީ މަކުނުވާ ފުރާފައެވެ. މުޙައްމަދުގެފާނު ދުނިޔެއަށްވަޑައިގަތުމުގެ ކުރިންވެސް އެތަންއޮންނާނީ އެގޮތަށް ކަންނޭގެއެވެ.
މިދެންނެވި މާތް އުޞޫލުގެމަތިން ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް އަޅުއްވާ ކޮންމެ
ފިޔަވަޅަކާއެކު ﷲ ގެ އިނާޔަތްތެރިކަން އެކަލޭގެފާނަށް ލިބިވަޑައިގަންނަވަމުންދިޔައެވެ.
ތިންދުވަހަށްފަހު މާތް ނަބިއްޔާ ޘައުރު ފަރުބަދައިގެ ހޮހަޅައިން ނުކުމެވަޑައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ.
އާންމުކޮށް މީހުން ދަތުރުކޮށްނޫޅޭ މަގެއް އިޚުތިޔާރުކުރައްވައި ދަތުރު ކުރެއްވުމަށްފަހު މަދީނާއަށް ވަޑައިގަތީ 16 ދުވަސް ފަހުންނެވެ.
އިސްލާމްދީނަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތައް
ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް އިސްލާމްދީނަށްޓަކައި ކުރެއްވި މަސައްކަތަށް ކިތަންމެ ހާވެސް ގިނަގުނައެވެ. އެހެންވުމުން މިފަދަ ޕްރޮޖެކްޓެއްގައި ހިމަނާލެވޭފަދަ ކުރުގޮތަކަށް އެކަންތައްތަކަށް އަލި އަޅުވާލާނަމެވެ.
ދަޢުވަތުގެ މަރުހަލާތަކާއި ދައުރުތައް
މިއުއްމަތުގެ މާތްނަބިއްޔާގެ ނަބީކަމުގެ ހަޔާތްޕުޅު 2 ބަޔަކަށް ބަހައިލެވިދާނެއެވެ. އެދެބަޔަކީ އެއްބައި އަނެއްބަޔަށް
ދޫނުކުރާހާވެސް ފުރިހަމަޔަށް ގޮސްފައިވާ ދުވަސްތަކެވެ.
1. މައްކާގެ ޙަޔާތްޕުޅު----- ( ގާތްގަނޑަކަށް 13 އަހަރު )
2. މަދީނާގެ ހަޔާތްޕުޅު------ ( 10 އަހަރު )
އެއަށްފަހު މިއިން ކޮންމެހިއްސާއެއްވަނީ އެތަކެއް މަރުހަލާތަކަށް ބެހިގެންނެވެ.ހިނގާފައިވަނީ ތަފާކަންތައްތަކެއްކަމުގައި
ވިޔަސް އެއިން ކޮންމެ ކަމެއް ކުރިއަށްގެންދަވާފައިވަނީ ފާޑުކިޔޭނޭ ހޮޔެއްވެސް ނެއްފަދަ ފުރިހަމަގޮތަކަށެވެ
މައްކާގެ ހާޔާތްޕުޅު 3 މަރުހަލާއަކަށް
1. ތިމާގެބޭފުޅުންނާ ގާތްރަހުމަތްތެރިންނަށް ސިއްރިޔާތުގައި ދީނަށް ގޮވައިލެއްވުން. ( 3 އަހަތު )
2. މައްކާގެ އަހުލުވެރިންނަށް ފާޅުގައި ދީނަށްގޮވައިލެއްވުން.( ނަބީކަމުގެ ހަތަރުވަނައަހަރުން ފެށިގެން 10 ވަނައަހަރުގެ ފަހުކޮޅާ ހަމަޔަށް.)
3. އިސްލާމްދީނުގެ ދަޢުވަތު މައްކާއިންބޭރަށް ( ނަބީކަމުގެ 10ވަނައަހަރުގެ ފަހުކޮޅުންފެށުގެން މަދީނާއަށް ހިޖުރަ ކުރެއްވުމާ ހަމަޔަށް )
- ޠާއިފަށް ވަޑައިގެން ދީނަށް ގޮވައިލެއްވުން
- ޙަޖުމޫސުމުގައި ހައްޖަށް ވަޑައިގަންނަވާ ޖަމާޢަތްތަކާ ބައްދަލުކުރައްވައި ދީނަށް ގޮވައިލެއްވުން.
މަދަނީ ހަޔާތްޕުޅު ތިންމަރުހަލާއަކަށް
ފުރަތަމަ މަރުހަލާ:
މަދީނާގެ ތެރޭގައި އުފެދިގެންދިޔަ ފިތުނަވެރިކަން ނައްތާލުމަށާއި ބޭރުން މަދީނާއަށްދެމުންދިޔަ ހަމަލާތަކުން މިންޖުކުރުމަށް މަސައަކަތްކުރެއްވުން މިމަރުހަލާ ނިމިގެންދިޔައީ ހިޖުރައިން 6 ވަނައަހަރު ޞުލްހަލް ހުދައިބިއްޔާގެ އެއްބަސްވުން އެކުލަވާލުމުންނެވެ.
ދެވަނަ މަރުޙަލާ:
ބުދަށް އަޅުކަންކުރާ މީހުންނާއެކު ސުލްހަ އެކުލަވާލުން މިކަން ނިމިގެން ދިޔައީ ހިޖުރައިން 8 ވަނައަހަރު މައްކާފަތަހުކުރެއްވުމުގެ ފަހުންނެވެ.ޢަރަބަ ޖަޒީރާއިން ބޭރަށް އިސްލާމީ ދަޢުވަތު ފެތުރިގެން ދިޔައީވެސް މިމަރުހަލާގައެވެ.
ތިންވަނަ މަރުޙަލާ:
އިސްލާމްދީނަށް މީސްތަކުން ޖަމާޢަތް ޖަމާޢަތައް ވަންނަމުން ދިއުން ޢަރަބި ޤައުމުތަކުންނާއި ޤަބީލާތަކުން ވަފުދުތައް އަންނަމުން ދިޔައީވެސް މިމަރުހަލާގައެވެ. މިމަރުހަލާ ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ ނިމުމާހަމަޔަށް ދެމިގެންދިޔައެވެ. އެއީ ހިޖުއައިން 11 ވަނައަހަރުގެ ރަބީޢުލް އައްވަލުމަހުގެ 12 ވަނަދުވަހާހަމަޔަށެވެ. -ވައްﷲ ޢަޢުލަމު-
ސުވަރުގެ ވަޑައިގަތުން
އަލްވަދާޢި އަސަރުފުޅުތައް
އިސްލާމްދީނުގެ ދަޢުވަތު ފުރިހަމަވެ ޢަރަބަކަަރައިގެ ލަގަން މުސްލިމުންގެ އަތްމައްޗަށް އައުމުން އިތުރު އެކަލޭގެފާނުގެ
އިޙުސާސްފުޅުތަކުންނާއި ވާހަކަފުޅުތަކުން މިފަނާވަނިވިދުނިޔެއާއި އަލްވަދާޢު ކިޔުއްވަން އުޅުއްވާކަމުގެ އަސަރުތަކެއް އެކަލޭގެފާނުގެ އަރިއަހުން ފެންނަންފެށިއެވެ. އެގޮތުން ފާހަގަކުރުވުނެ ބައެއްކަތައްތަކަކީ:
1. ހިޖުރައިން 10 ވަނައަރުގެ ރަމަޟާންމަހުގައި 20 ދުވަހު އިޢުތިކާފަށް އިންނެވުން ޢާންމުގޮތެއްގައި އެކަލޭގެފާނު އިޢުތިކާފަށް އިންނަވަނީ 10 ދުވަހުއެވެ.
2. ހަމައެއަހަރު ޖިބުރީލްގެފާނު ކީރިތި ރަސޫލާއަށް ކީރިތި ޤުރުއާން 2 ފަހަރު މުރާޖަޢާ ކޮއްދެއްވިއެވެ. އެނޫން އަހަރުތަކުގައި މުރާޖަޢާކުރައްވާނީ އެއްފަހުރުއެވެ.
3. " މީގެފަހުން މިމަޤާމުން ތިޔަބައިމީހުންނާ ދުވަހަކުވެސް ބައްދަލުކުރެއްވޭނޭހެނެއް ހިއެއްނުވެއެވެ." މިފަދައިން ޙައްޖަތުލް ވަދާޢުގައި ކީރިތިރަސޫލާ ވިދާޅުވުން.
4. ޖަމްރަތު ޢަޤަބާގައި ހުންނަވާ ވިދާޅުވިއެވެ." ތިމަންކަލޭގެފާނުގެ އަރިއަހުން ތިޔަބައިމީހުން ޙައްޖުގެ ކަންތައްތައް ދަސްކުރާށެވެ.އެހެނީ މީގެފަހުން ދެން ތިމަންކަލޭގެފާނަކަށް ހައްޖަށް ވަޑައިގަނެވޭނެކަމެއްނޭނގެއެވެ.
5. އައްޔާމުއް ތަސްރީޤުގެ މެދުދެތެރިން ސޫރަތުއް ނަޞްރު ބާވައިލެއްވުން.
6. ހިޖުރައިން 11 ވަނައަހަރު ޞަފަރުމަހުގެ ކުރީކޮޅުގައި އުޙުދުގެ މައިދާނަށް ވަޑައިގެން އެހަނގުރާމައިގައި ޝަހީދުވެވަޑައިގަތް ބޭފުޅުންނަށް ހެޔޮދުޢާކުރެއްވުން.
މީނޫންވެސް ޙާދިޘާތައް އެކަލޭގެފާނުގެ އަރިއަހުން ފާހަގަކުރެވެމުން ދިޔައެވެ.
އާލާސްކަންފުޅުގެ ފެށުން
ހިޖުރައިން 11 ވަނައަހަރުގެ 29 ވަނައަށްވީ ހޯމަދުވަހު އެކަލޭގެފާނު ކަށުނަމާދަކަށް ނައްނަތުލްބަޤީޢު އަށް ވަޑައިގެން
އެނބުރި ވަޑައިގެންނެވި މަގުމަތީގައި ޝަހާދަތުގެ ދެކަލިމަ ތަކުރާރުކޮށް ކިޔުންވަން ފެއްޓެވިއެވެ.އެއިރު އެކަލޭގެފަނުގެ ހުމުގެ އާލާސްކަންފުޅު ބޮޑުކަމުން ބޯފުޅުގައި އައްސަވާފައިވާ ރުމާލުގެ މަތިންވެސް ހުމުގެ ހޫނުކަމުގެ އިޙުސާންކުރެވެއެވެ.
އިތުރު އެކަލޭގެފަނުގެ ފަހު ހަފުތާ
ދުވަހެއް ދުވަހަކަށް އެކަލޭގެފާނުގެ ހާލުކޮޅު ދިޔައީ ދެރަވަމުންނެވެ. އިތުރުއެކަލޭގެފާނުގެ އަނބި އަނބިކަނބަލުންނާއި
ސުވާލުކުރައްވައެވެ. " މާދަމާ ތިމަންކަލޭގެފާނު ދާންޖެހިވަޑައިގަންނަވަނީ ކޮން އަނބިކަނބަލެއްގެ ގެކޮޅަށްހެއްޔެވެ. ކީރިތި ރަސޫލޫގެ އެސުވާލުކުރައްވަނީ ކޮންމަޤުސަދުފެއްގައިކަން އެކަނބަލުންނަށް ވިސްނިވަޑައިގެން އެކަލޭގެފާނު ބޭނުންފުޅުވާ އަނބި ކަނބަލެއްއަރިހަށް ވަޑައިގެންނެވުމުގެ ހުއްދަ އެކަނބަލުން ދެއްވެވިއެވެ.
އެއަށްފަހު ފަޟުލް ބިން ޢައްބާސް އާއި ޢަލީގެފާނުވަޑައިގެން އެދެބޭކަލުންގެ އެހީފުޅާއެކު އެކަލޭގެފާނު ވަޑައިގެންނެވީ
ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅަށެވެ.ގެންދެވިއިރު އެކަލޭފާނުގެ ޙާލުކޮޅު ދެރަކަމުން އެކަލޭގެފާނުގެ ދެފައިންފުޅު ބިންމަތީގައި ކޭއްތެމުން ދިޔައެވެ. އިތުރު އެކަލޭގެފާނުގެ އެންމެ ފަހުހަފުތާ ހޭދަކުރެއްވީ ޢާއިޝަތުގެފާނުގެ ކޮޓަރި ކޮޅުގައެވެ.
ސުވަރުގެ ވަޑައިގަތުމުގެ ފަސްދުވަސް ކުރި
އިތުރުއެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ފަސްދުވަސްކުރި ބުދަދުވަހު އެކަލޭގެފާނު ހުމުގެ އާލާސްކަންފުޅުގަދަވެ
ހޭފުޅުނެތޭހިސާބަށް ހާޅުކޮޅު ދެރަވެގެންދިޔައެވެ. އެހިނދު އެކަލޭގެފާނުގެ ހަށިކޮޅަށް ފެންއެޅުއްވުމަށް ވިދާޅުވިއެވެ. ފެންއެޅުއްވުން ހުއްޓަވައިލެއްވުމަށް ވިދާޅުވަންދެން ޢާއިޝަތުގެފާނު ފެންއަޅުއްވަމުން ގެންދެވިއެވެ.
ސުވަރުގެ ވަޑައިގަތުމުގެ 1 ނުވަތަ 2 ދުވަސްކުރި
ހޮނިހިރު ނުވަތަ އާދީއްތަ ދުވަހު އެކަލޭގެފާނު އާލާސްކަންފުޅު ކުޑަކޮށް ލުއިވެލުމުން ދެބޭފުޅުންގެ އެހީފުޅުގައި
މެންދުރުނަމާދަށް ވަޑައިގަތުމަށް ޤަސްދުކުރެއްވިއެވެ. އެއިރު އަބޫބަކުރުގެފާނު ހުންނެވީ އަސްޙާބުބޭކަލުންނަށް އިމާމުވެ ނަމާދުކޮށްދެއްވުމަށެވެ. ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް ވަޑައިގަންނަވާތަން ފެނިވަޑައިގަތުމުން އަބޫބަކުރުގެފުނު ފަހަތަށްޖެހިލެއްވިއެވެ. އެވަގުތު ފަހަތަށްނުޖެހުމަށް އެކަލޭގެފާނު އިޝާރަތްކުރައްވައި އަބޫބަކުރުގެފާނުގެ ކަނާތްފަރާގުއި ބޭންދުއްވުމަށް ވިދާޅުވިއެވެ. އެދުވަހުގެ މެންދުރުނަމާދުކުރެއްވީ އަބޫބަކުރުގެފާނު އިމާމަތުގައެވެ.
ސުވަރުގެ ވަޑައިގަތުމުގެ އެއްދުވަސްކުރި
ސުވަރުގެ ވަޑައިގެންނެވުމުގެ އެއްދުވަސްކުރި އެއީ ހޯމަދުވަހެވެ. އެދުވަހު އެކަލޭގެފާނުގެ ހުރިހާ އަޅުން މިނިންކުރައްވައި
އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ހަމައެކަނި 7 ދިރިހަމުވެސް ޞަދަޤާތް ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހަނގުރާމައިގެ ހުރިހާ ހަތިޔާރެއް މުސްލިމުންނަށް ހިބަވެސްކޮށްދެއްވިއެވެ.
ޙަޔާތުގެ އެންމެފަހުދުވަސް
އަނަސްގެފާނުގެ ރިވާޔަތެއްގައިވެއެވެ." ހޯމަދުވަހު އަބޫބަކުރުގެފާނުގެ އިމާމަތުގަައި ފަސްތިސްނަމާދަށް މުސްލިމުން
ތިއްބަވަނިކޮށް ކުއްލިއަކަށް ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ފަރުދާ ހިއްލަވައިލައްވައި ނަމާދުގެ ސަފުތަކާ ދިމާލަށް ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް ބައްލަވައި ހިނިވަރުނަ ކުރެއްވިއެވެ. ކީރިތިރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް ވަޑައިގަންނަވަނީކަމަށްހީކުރައްވައި އަބޫބަކުރުގެފާނު ފަހަތައްފަހަތަށް ވަޑައިގެން ސަފާގުޅުނެވެ. ނަމަވެސް ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ ޢަލައިހިވަސައްލަމް އެނަމާދު ފުރިހަމަކުރެއްވުމަށް އިޝާރާތްކުރެއްވުމަށްފަހު ކޮޓަރިކޮޅަށްވެދެވަޑައިގެން ފަރުދާކޮޅު ވައްޓަވައިލެއްވިއެވެ. އެއަށްފަހު އެކަލޭފާނުގެ މައްޗަކަށް އެހެން ފަރުޟު ނަމާދެއްގެ ވަގުތެއްނާދެއެވެ."
ގާތްގަނޑަށް ދުވަހުގެ ޟުހާ ނަމާދު ( ދުވަހުގެ އިރު ބޮންތިއަކަށް އެރުމުންކުރާ ސުންނަތް ނަމާދެއް ) ވަގުތުގައި
އެކަލޭގެފާނުގެ ދަރިކަނބަލުން އައްސައްޔިދާ ފާޠީމަތު ރަޟިޔައްﷲ ޢަންހާއަށް ގޮވައި ގެންނެވިއެވެ. އަދި އެކަމާގެ އަރިހުގައި ސިއްރުން އެއްޗެއްވިދާލުވިއެވެ.އެހިނދު އެކަމާ ކީރިތި ކުރައްވަންފެއްޓެވިއެވެ. އަނެއްކާވެސް ކައިރިއަށްގެންނަވާ ސިއްރުން އެއްޗެއްވިދާޅުވިއެވެ.އެފަހަރު އެކަމަނާ ފެއްޓެވީ ހިނިވަރުނަކުރައްވާށެވެ.
ޢާއިޝަތުގެފާނު ވިދާޅުވިއެވެ.އެކަމާމެދު ފަހުން ސުވާލުކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ."ފުރަތަމަ ސިއްރުން ވިދާޅުވީ
ބައްޕާފުޅު މިބަލީގައި އަވަހާރަވެޑައިގަންނަވާނެވާހަކައެވެ.ތިމަންކަމަނާއަށް ރޮވުނީ އެސަބަބާހުރެއެވެ. އެއަށްފަހު ވިދާޅުވީ ޢާއިލާގެބޭފުޅުންގެތެރެއިން އެންމެފުރަތަމަ އެކަލޭގެފާނާ ބައްދަލުކުރައްވާނީ ތިމަންކަމަނާއެވެ. ހިނިވަރަނު ކުރެއްވުނީ އެހެންވިދާޅުވުމުންނެވެ."
އައްސައްޔިދާ ފާޠިމަތުގެފާނަކީ ހުރިހާ އަންހެން ބޭކަނބަލުންގެ އިސްވެރިޔަކާމުގެ އުފާވެރިކަމުގެ ޚަބަރުވެސް
ކީރިތި ރަސޫލާ އެކަމަނާއަށްދެއްވިއެވެ. އެވަގުތު އެކަލޭފާނަށް ކުރައްވަމުންދިޔަ އަސަރުތައްފެނި ފާޠިމަތުގެފާނު ވިދާޅުވިއެވެ." ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. ބައްޕާފުޅަށް މިއަޅާވޭނެކެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ކަނބުލޭގެގެ ބައްޕާފުޅަށް މިއަދަށްފަހު އެއްވެސް ތަކުލީފެއްނުވެއެވެ.
އިތުރު އެކަލޭގެފާނަށް އަޅަމުންދިޔަވޭންތައް ފަހަރަކަށްވުރެ ފަހަރަކު ދިޔައީ ގަދަވަމުންނެވެ.ޚައިބަރު ހަނގުރާމައިގައި
އެކަލޭގެފާނަށް ދެއްވި ޒަހަރުގެ އަސަރު އެވަގުތު އެކަލޭގެފާނަށް ކުރައްވަމުންދިޔަކަމަށް ވިދާޅުވިއެވެ. އެހިނދު އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް ވަޞިއްޔަތްކުރައްވައި ވިދާޅިވިއެވެ." ނަމާދެވެ.ނަމާދެވެ. އަދި ތިޔަވއިމީހުން ދަށުގައިވާ އަޅު ފިރިހެނުންނާއި އަނހެނުންނެވެ. މިލަފުޛު އެކަލޭގެފާނު އެތައްފަހަރަކު ތަކުރާރުކުރެއްވިއެވެ.
އެންމެފަހު ވަގުތުކޮޅު
އެކަލޭގެފާނުގެ ފުރާނަފުޅު މާތްﷲގެ ހަޟުރަތަށް ވަޑައިގަންނަވަންއުޅުއްވާހެން ހީވުމުން ޙަޟުރަތު ޢާއިޝަތުގެފާނު
އިތުރު އެކަލޭގެފާނު ނަންގަވައި އެކަމަނާގެ މޭފުޅުގައި ލައްކޮށްލެއްވިއެވެ. އެކަލޭގެފާނުގެ އެންމެފަހު ވަގުތުކޮޅުގައި އެކަލޭގެފާނަށް ރަޙުމަތްލެއްވުމަށާއި ފާފަ ފުއްސެވުމަށް ﷲ ގެ ޙަޟުރަތުން ދަންނަވަމުން ގެންދަވަނިކޮށް އެކަލޭގެފާނުގެ ފުޜާނަފުޅު މާތް ﷲ ގެ ޙަޟުރަތަށް ދަތުރުކުރެއްވީއެވެ.( އިންނާ ލިﷲ ވައިންނާ އިލައި ރާޖިޢޫން )
އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވީ ހިޖުރިން 11 ވަނައަހަރު ރަބީޢުލް އައަވަލުމަހުގެ 12 ވަނައަށްވީ
ހޯމަދުވަހުގެ ޟުހާ ނަމާދު ވަގުތުގައެވެ. އެއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 63 އަހަރުފުޅެވެ.
ލިޔުނީ: ޢަލީ ނަޢީމް
17 ޖޫން 2012
މަޢުލޫމަތު ނެގި މަސްދަރުތައް:
1. އައްރަހީޤޫލް މަޚުތޫމް ( އުރުދު )
2. ސިޔަރަތުއް ނަބީ ( ޝިބިލީ ނުޢޫމާނީ އުރުދޫ )
3. ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ ( ޢަބުދުﷲ ފާރޫޤު ޙަސަން )
May Allah bless u my dear.. The whole article was fabulous.. May Allah fulfill your life with happiness, never ending success..
ReplyDeleteThis was really useful ❤️
Delete